16 Oct 2014, 12:13
ޔޫތު މިނިސްޓްރީގެ މައިގަނޑު މަސައްކަތަކީ ހުނަރުވެރި ޒުވާނުންތަކެއް އުފައްދައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.
ޅ. ކުރެންދޫ ޒުވާނުންގެ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރެންދޫ ޒުވާނުންގެ މަރުކަޒު ހުޅުވިގެން ދިޔުމާއެކު އަތޮޅުގެ ރަށް ތަށުގެ ޒުވާނުންނަށް ގިނަ ފޯރަމްތަކާއި ކޯސްތައް އެތަނުގައި ހިންގޭނެ ކަމަށެވެ.
ޔޫތު ސެންޓަރުތައް ގާއިމް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ޒުވާނުންގެ މެނިފެސްޓޯ ތަންފީޒު ވަމުންދާ ކަމުގެ 'އަލިގަދަ' ހެއްކެއް ކަމުގައި މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ، އަންނަ މަހުގެ 17ގައި ބޭއްވޭ ޒުވާނުންގެ ދުވަސް މާލޭގައި ބޭއްްވި ކަމުގައި ވީ ނަމަވެސް ރަށްރަށުގެ ޔޫތު ސެންޓަރު ތަކުގައި ވެސް ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާނެ ކަމަށެވެ.
ވަޒީފާގެ ފުރުސަތުތައ ް ޒުވާނުންނަށް ހޯދައިދިނުމުގެ ގޮތުން ސްޓެޕްސްގެ ޕްރޮގްރާމް ތަކާއި ހުނަރުވެރި ޒުވާނުން އުފެއްދުމުގެ ކޯސްތައް ހިންގާފައިވާ ކަމަށް މަލީހު ވިދާޅުވި އެވެ.
ކުރެންދޫ ޒުވާނުންގެ މަރުކަޒު ހުޅުވި އިރު އެތަނުގައި ބިލިއާޑާއި ގާލެންޑޯ ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ އިރު މިއަހަރު ނިމުމުގެ ކުރިން އެފަދަ އިތުރު ކުޅިވަރުތައް ކުޅެވޭނޭ ވަސީލަތްތައް ވެސް އެ މަރުކަޒުގައި ގާމު ކުރެވޭނޭ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.