ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން މާލޭގައި ކުރިއަށް ގެންދިޔަ "ބްރެސްޓް ކެންސާ އެވެއާނަސް" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ ސޮސައިޓީ އިން ބުނެފި އެވެ.

ކެންސާ ސޮސައިޓީ އިން އިންތިޒާމުކޮށްގެން މި މަހުގެ 12 ވަނަ ދުވަހު ފައްޓައިގެން މިއަދުގެ ނިޔަލަށް ހުރަވީ ބިލްޑިންގައި ކުރިއަށް ގެންދާ ޕްރޮގްރާމްގައި އުރަމަތީގެ ކެންސަރުން ސަލާމަތްވުމަށާއި އެކަމަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާ ބެހޭ މައުލޫމާތު ވަނީ އެތަނަށް ޒިޔާރަތް ކުރާ ފަރާތްތަކާ ފޯރުކޮށްދީފަ އެވެ.

ކެންސާ ސޮަސައިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ބްރަސްޓް ކެންސާ އެވެއާނަސް ޕްރޮގްރާންގައި ނައިބް ރައީސް ބައިވެރިވެވަޑައިގެންނަވަނީ -- ސަން ފޮޓޯ ފަޔާޒު މޫސާ

ކެންސާ ސޮަސައިޓީ އޮފް މޯލްޑިވްސްގެ ފައުޑާ މެމްބަރު ހުސެއިން ރަޝީދު މިއަދު ސަން އަށް ވިދާޅުވީ "ބްރެސްޓް ކެންސާ އެވެއާނަސް" ޕްރޮގްރާމަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެ ޕްރޮގްރާމުގައި އަމިއްލަ އެންޖީއޯ އާއި އަމިއްލަ ބައެއް ޖަމާއަތްތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި އާއްމުންގެ ތަރުހީބު ވެސް ކުރިއާ އަޅާބަލާ އިރު ރަނގަޅު ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތް މީގެ ދެތިން އަހަރު ކުރިން ފެށި އިރު އާއްމުން ބޭނުމެއް ނުވޭ އެބަލި (އުރަމަތީ ކެންސަރު) ހުރި ވާހަކަ ދައްކަން ވެސް، ނަމަވެސް މިހާރު ޖެހިލުމެއް ނެތި އެ ވާހަކަ ހިއްސާ ކުރަން ކެރޭ މީހުން އެބައުޅޭ. އެކަމަށް ހޭލުންތެރިވަމުން އަންނަ އަދަދު މިދަނީ ދުވަހެއް ދުވަހަށް އިތުރުވަމުން. ނަމަވެސް އަދިވެސް މި ބައްޔަށް އިތުރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" ހުސެއިން ވިދާޅުވި އެވެ.
ކެންސާ ސޮަސައިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ބްރަސްޓް ކެންސާ އެވެއާނަސް ޕްރޮގްރާންގައި ނައިބް ރައީސް ބައިވެރިވެވަޑައިގެންނަވަނީ -- ސަން ފޮޓޯ ފަޔާޒު މޫސާ

ހުރަވީ ބިލްޑިންގްގައި ކުރިއަށް ގެންދިޔަ ބްރެސްޓް ކެންސާ އެވެއާނަސް ޕްރޮގްރާމަށް އިއްޔެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ.
ކެންސާ ސޮަސައިޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ބްރަސްޓް ކެންސާ އެވެއާނަސް ޕްރޮގްރާންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ބައިވެރިވެވަޑައި ގެންނަވަނީ -- ފޮޓޯ އެމްޑީޕީ

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ކެންސަރު ބަލިން ރައްކާތެރިވުމަށް ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމާއި ކަސްރަތަކީ މުހިންމު ކަން ދޭހަކޮށްދިނުމުގެ ގޮތުން ޓީޓީ އެސޯސިއޭޝާނާއި ކެންސާ ސޮސައިޓީ ގުޅިގެން ވަނީ އެތަނުގައި ޓީޓީ މޭޒުތަކެއް ވެސް ބަހައްޓައިފަ އެވެ.

ހުސެއިން ރަޝީދު ވިދާޅުވީ "ބްރެސްޓް ކެންސާ އެވާނަސް" ޕްރޮގްރާމްތަކެއް މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލްގެ ހޯލުގައި އާއި ފުލުހުންގެ އިދާރާގައި އަދި ވިލިމާލޭގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން މިއަދު ހަވީރު މާލޭ ސިޓީ ކައުންސިލްގެ ހޯލްގައި އެ ޕްރޮގްރާމް ކުރިއަށްދާނެ އެވެ.

ބްރަސްކެންސާ އެވެއާނަސް ކުރުމަށް ޑަބްލިއުއެސްއޯ އިން ހާއްސަކޮށްފައިވާ އޮކްޓޯބަރު މަހުގެ މި ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވާ ހުކުރު ދުވަހު ދިރާގާ އެކު ބާއްވާ ހިނގާލުމަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.