މިވަގުތުު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަކީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ހުނަރުވެރި ވިންގާ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އެޓީމުގެ ޖަރުމަނު ތަރި ޓޯނީ ކްރޫސް ބުނެފި އެވެ.

ކްރޫސް ބުނީ، މިވަގުތު ރޮނާލްޑޯއަށް ވުރެ މޮޅަށް ފުޓްބޯޅަ ކުޅޭ މީހަކު ނެތްކަމަށާއި އޭނާ އުޅެނީ ހުރިހާ ކަމަކުުންވެސް މާ އުހުގަ ކަމަށެވެ. އަދި ރޮނާލްޑޯއާ އެކީ ކުޅެން ފުރުސަތު ލިބޭތީ ވަރަށް އުފާ ވާ ކަމަށާއި އެއީ އޭނާ އަށްވެސް ލިބޭ ކުރިއެރުމެއް ކަމަށް ކްރޫސް ބުންޏެވެ.

" ރޮނާލްޑޯއަށް ވުރެ ވަކިން މޮޅު ކުޅުންތެރިއެއް އަހަރެންނަކަށް ނުފެނޭ. އޭނާ އުޅެނީ އެހެން ކުޅުންތެރިންނަށްވުރެ މާ މަތީގައި. ރޮނާލްޑޯ ދަނޑުމަތީގައި ހުރުމުންވެސް އެއީ ޓީމުގެ ހުރިހާ އެންމެންނަށް ލިބޭ ހިތްހަމަޖެހުމެއް. އޭނާ ކަހަލަ މޮޅު ކުޅުންތެރިއަކާ އެކީ ކުޅެލަން ފުރުސަތު ލިބޭތީވެސް ވަރަށް އުފާވޭ،" ކްރޫސް ބުންޏެވެ.

މިސީޒަންގައި ރެއާލް މެޑްރިޑްގެ މެދުތެރޭގައި އިސްރޯލެއް އަދާކުރަމުން އަންނަ ކްރޫސް ބުނީ ރައްޓެއްސެއްގެ ގޮތުން ބެލިޔަސް ރޮނާލްޑޯ އަކީ ދެވަނައެއް ނެތްފަދަ ރަނގަޅު މީހެއް ކަމަށާއި އާ ކްލަބަށް ހޭނުމަށް އެންމެ ބޮޑަށް އެހީތެރިވެދިނީ ވެސް ރޮނާލްޑޯ ކަމަށެވެ.

" ބަޔާން ދޫކޮށްލުމަށްފަހު ރެއާލް މެޑްރިޑަށް ބަދަލުވުމުން ފުރަތަމަ އަހަރެން ހީކުރީ މިތާނގެ މާހައުލަށް ހޭނުމަށް ތަންކޮޅެއް އުނދަގޫ ވާނެކަމަށް. އެކަމަކު އަހަރެން ހީކުރި ގޮތާ ޚިލާފަށް ކަންތައްތައް ވެގެން މިދިޔައީ. ސްޕެއިންގައި އަހަރެންނަށް އެންމެ ބޮޑަށް އެހީތެރިވަމުން އަންނަނީ ރޮނާލްޑޯ. އޭނާ އަންނަނީ ހުރިހާ ކަމެއްގައިވެސް އަހަރެންނަށް ތަންދޮރު ދައްކައި އާ މާހައުލަށް ހޭނެން ދަސްކޮށްދެމުން،" ކްރޫސް ބުންޏެވެ.

ނިމިގެންދިޔަ ސީޒަންގެ ޓްރާންސްފާ ބާޒާރުގައި ޖަރުމަނުގެ ބަޔާން މިއުނިކް އިން ރެއާލް މެޑްރިޑަށް ބަދަލުވި ކްރޫސް ބުނީ މެޑްރިޑްގައި ހޭދަކުރަމުންދަނީ އުފާވެރި ދުވަސްތަކެއް ކަމަށާއި ބަޔާން ދޫކޮށްލުމުން އެކަމާ ހިތާމަ ނުކުރާ ކަމަށެވެ.

" ކޮންމެ ގޮތެއްވިޔަސް ބަޔާން އަކީ ޔޫރަޕްގެ ގަދަ ބާރެއް. މިހާރު އެންމެ ވަރުގަދަ ޓީމުތަކަށް މިއުޅެނީ ބަޔާން އާއި ޗެލްސީ އާއި ބާސެލޯނާގެ އިތުރުން ރެއާލް މެޑްރިޑް. އަހަރެން ނިންމީ މޮޅު ކްލަބަކުން އެހެން ކާމިޔާބު ކްލަބަކަށް ބަދަލުވާން. މިތާނގައި މިއުޅެނީ ވަރަށް އުފަލުން. ބަޔާން ގައި ގިނަ ކާމިޔާބީތަކެއް ހޯދި ނަމަވެސް އެޓީމު ދޫކޮށްލެވުނީތީ ހިތާމައެއް ނުކުރަން،" ކްރޫސް ބުންޏެވެ.

މިއަހަރު ޖޫން މަހު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕުގައި މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރަކީ މިހާރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކުޅުންތެރިއެކެވެ. ކްރޫސްގެ ފަރާތުން ދުވަހެއް ދުވަހަކަށް ކުރިއެރުންތަކެއް ފެންނަމުން ދާއިރު ރޭ ރަހުމަތްރެރިކަމުގެ މެޗެއްގައި ޖަރުމަނާއި އަޔަލޭންޑް ވާދަކުރި މެޗުގައި އެނާ ވަނީ ޖަރުމަނުގެ މެދުތެރެ ހުނަރުވެރިކަމާއިއެކީ ބަލަހައްޓާފައެވެ.