ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ފުރަތަމަ ޑިވިޝަންގެ ކްރިކެޓް މުބާރާތް މިމަހުގެ 30ގައި އަދި ހަތްވަނަ ރިސޯޓް ކްރިކެޓް މުބާރާތް އަންނަ މަހުގެ 9-11އަށް ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.

އެކްސްއެލް އެނާޖީ ކްރިކެޓް މުބާރާތް ޑިވިޝަން ވަން އާއި ހަތްވަނަ ރިސޯޓު ކްރިކެޓް މުބާރަތުގައި ބައިވެރި ވުމުގެ ފުރުސަތު ކްރިކެޓް ބޯޑުން މިހާރުވަނީ ހުޅުވާލައިފައެވެ.

އެކްސެލް އެނާޖީ ކްރިކެޓް މުބާރާތުގައި ބައިވެރި ވުމުގެ ސުން ގަޑިއަކީ މިމަހުގެ 23 އެވެ. މި މުބާރާތުގެ ފުރަތަމަ މެޗު ނޫން އެހެން މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ހުކުރާއި ހޮނިހިރު ދުވަހުގައި ކަމަށް ކްރިކެޓް ބޯޑުން ބުންޏެވެ.

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ހަތްވަނަ ރެސޯޓް ކްރިކެޓް މުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ މިމަހުގެ ފަހު ދުވަހެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ޖުމުލަ 12 ޓީމަށް ކަމަށް ވެސް ކްރިކެޓް ބޯޑުން ބުންޏެވެ.