16 Oct 2014, 11:40
ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ފިޔަވަޅު ނާޅާތީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ސްރީލަންކާ އިން މަސް ގަންނަން މަނާކުރަން އެ އިއްތިހާދުން ނިންމައިފި އެވެ.
އަންގާރަ ދުވަހު ރޮއިޓާސް ބުނީ ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީ ސްރީލަންކާ އިން އީޔޫގެ ގައުމުތަކަށް މަސް އިމްޕޯޓް ކުރުން މަނާކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ކުރިން އެގޮތަށް މަނާކޮށްފައިވާ ގައުމެއް ކަމަށްވާ ބެލީޒް އިން ކަންތައްތައް ރަނގަޅުކުރުމުން އެގައުމުން މަސް އިމްޕޯޓްކުރުން އަލުން ހުއްދަކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
"... އަޅުގަނޑުމެންގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ނަތީޖާ ލިބެމުން އަންނަނީ،" އީޔޫ އިން ފިޔަވަޅު އެޅުމުން މަސްވެރިކަމުގެ ކަންތައްތައް ރަނގަޅު ކުރި ގައުމުތަކާ ބެހޭ ގޮތުން އެ އިއްތިހާދުގެ މެރިޓައިމް އެފެއާޒް ކޮމިޝަނަރު މާރިއާ މާރިއާ ޑަމަނާކީ ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައިވެ އެވެ.
ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ގައުމުތަކާ ދެކޮޅަށް 2010 ވަނަ އަހަރުން ފެށިގެން އީޔޫ އިން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.