24 Jan 2011, 10:40
ހުޅުމާލޭގައި އިމާރަތް ކުރަމުންދާ ރޯ ހައުސްތައް މިއަހަރުގެ އޯގަސްޓު މަހު ހަވާލުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން ބުނެފި އެވެ.
އެޗްޑީސީން ނެރެނު ނޫސްބަޔާނެއްގައި ބުނަނީ، "ހުޅުމާލެ ރޯ ހައުސް މަޝްރޫއު 2010" ގެ ދަށުން އިމާރާތް ކަރަމުންދާ 12 ރޯ ހައުސްގެ ކޮންކުރީޓު މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ގެތަކުގެ އެތެރޭގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެ ގެކުގެ ޑައުންޕޭމަންޓް ދައްކައި ނިންމާލަން ޖެހެނީ އަންނަ ޖުލައި މަހުގެ ނިޔަލަށެވެ. އަދި ރޯ ހައުސްތައް ހަވާލުކުރެވޭނީ އޯގަސްޓު މަހުގެ ތެރޭގައި ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ރޯ ހައުސްތަކުގެ ޕްރީ ބުކިން ފީއެއް ގޮތުގައި ދައްކަން ޖެހެނީ 20 ހާސް ރުފިޔާ އެވެ. ބުކިން ފީއަކީ 120000ރ. އެވެ. ކޮންޓްރެކްޓުގައި ސޮއިކުރުމުގެ ފީއެއްގެ ގޮތުގައި ވެސް އެޗްޑީސީން ނަގަނީ 1200000ރ. އެވެ. އަދި މީގެ އިތުރުން 10 މަސް ދުވަސް ވަންދެން ކޮންމެ މަހަކަށް 21 ހާސްރުފިޔާ ދައްކަން ޖެހެ އެވެ.
އެހެންކަމުން ޑައުންޕޭމަންޓުގެ ޖުމްލަ އަދަދަކީ 472 ހާސް ރުފިޔާ އެވެ.
މިފަހަރުގެ ރޯހައުސްތައް ހޯދުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ރޯ ހައުސް ނުލިބުނު ނަމަވެސް ފައިނޭންޝަލް ސްކްރީނުން ފާސްވި ފަރާތްތަކަށް އަމާޒުކޮށްގެން 24 ރޯހައުސް އެޅުމުގެ މަސައްކަތްތައް މިމަހުގެ ތެރޭ ފަށާނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.