16 Oct 2014, 11:27
އިސްމާއީލް އީސާ (މެސީ)ގެ ހެޓްރިކާ އެކު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ބީޖީ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައި ކްލަބް އީގަލްސް އެ މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި އީގަލްސް އާއި ބީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުން އީގަލްސް މޮޅުވީ 3-0 ލަނޑުންނެވެ.
މެޗުގައި އީގަލްސް އިން ޖެެހި ފުރަތަމަ ގޯލް ފުރަތަމަ ހާފު ފަށައިގެން އަށްވަނަ މިނިޓުގައި މެސީ ކާމިޔާބުކޮށްދިނީ ވިންގާ އަދުހަމް ދިން ޕާހަކުންނެވެ. އަދި މެޗުގެ 20 ވަނަ މިނިޓުގައި މެސީ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ އީގަލްސް އަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ބީޖީ ކޮޅަށް އީގަލްސް އިން ޖެހި ތިންވަނަ ގޯލް އަދި މެސީއޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 79 ވަނަ މިނިޓުގައިި ލިބުނު ޕެނަލްޓީއަކުންނެވެ. އީގަލްސް އަށް ޕެނަލްޓީ ލިބުނީ ބީޖީގެ އޭރިއާ ތެރެއިން އީގަލްސްގެ އިބްރާހިމް ފުރުގާނަށް ބީޖީގެ އިހުސާން ކުރި ފައުލަކާ ގުޅިގެންނެވެ.
މެޗުގައި އީގަލްސް އަށް ހެޓްރިކް ކާމިޔާބު ކުރި ފޯވަޑް އިސްމާއިލް އީސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. އީސާ ވަނީ ދެ ހާފުގައިވެސް ބީޖީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ އިތުރު މިނިޓުގައި އީގަލްސްގެ އިބްރަހިމް ފުރުގާން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ބީޖީގެ ކީޕަރު ފައިސަލް އެވެ.
އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި އީގަލްސް ބައްދަލުކުރާނީ އިއްޔެރޭ މަހިބަދޫ ސްޕޯޓްސް އަތުން މޮޅުވެ ސެމީއިން ޖާގަ ހޯދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްއާއި އެވެ.
މިރޭ ކުޅޭ މިމުބާރާތުގެ ކުއާޓާ ފައިނަލް ތިން ވަނަ މެޗުގައި ވާދަކުރާނީ ވެލެންސިިއާ އާއި އޯލްޔޫތް ލިންކޭޖް (އޭވައިއެލް) އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 21:00ގަ އެވެ.