16 Oct 2014, 11:09
މއ. އައިޝާ ހުސައިން ވަހީދު މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ ކުދިންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން މިއަދު ހެކިބަސް ނަގަން ހަމަޖެހިފައިވާ ހެކީން ހާޒިރުކުރެވިފައިނުވާ ކަމަށް ޖުވެނައިލް ކޯޓުން ބުނެފިއެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް މިއަދު ބާއްވަން ތާވަލްކުރީ ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި ތިން މީހެއްގެ ހެކިބަސް ނެގުމަށް ކަމަށެވެ. ނަމަވެސް އެ ތިން މީހުން މިއަދު ހާޒިރުކުރެވިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ 2:00 ގައި ކަމަށާއި އެދުވަހު ހެކީން ހާޒިރުނުކުރެވިއްޖެނަމަ، ހެކިބަސްނެގުން މަޑުޖައްސާލުމަށްފަހު ޑޮކިއުމެންޓްރީ ހެކިތަކާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ބައި ކުރިއަށްގެންދަން ޝަރީއަތުން ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މާފަންނު ކޮފީ ކޯނާ ކައިރިން ހުސައިން ވަހީދަށް ވަޅިން ހަމަލާދީ އޭނާ މަރާލި މައްސަލައިގެ ތުހުމަތުގައި އެއްކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއެވެ. އަނެއްކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.