އައްޑޫ ސިޓީގެ ގަމުން ފުރައިގެން މާލެ ދަތުރު ކުރަމުން ދަނިކޮށް މޯލްޑިވިއަން ފްލައިޓެއްގެ ކޮކްޕިޓުގެ، ވިންޑްޝީލްޑުގައި ރެނދުލައި ތަޅައިގެން ދިޔަ ބޯޓުގެ ވިންޑްޝީލްޑް ބަދަލުކޮށް އަލުން ރޭ ދަތުރުތައް ފަށާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނެފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްހާރިޝް "ސަން"އަށް ރޭ ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުގެ ބިއްރޫރިގަނޑުގައި ރެނދުލުމުން އެ ވިންޑްޝީލްޑް ރޭގައި ބަދަލުކޮށް އެ ކުންފުނީގެ އުދުހުންތަކުގައި ރެއިން ފެށިގެން އަލުން އެ ފްލައިޓުގެ ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

"މިފަދަ މައްސަލައެއް ދިމާވަނިކޮށް އަމަލު ކުރަން ޖެހޭ އުސޫލުން އަޅުގަނޑުމެން މިވަނީ އަމަލުކޮށްފައި އެ ފްލައިޓް ރޭގައި ވަނީ އަލުން އޮޕަރޭޝަން ފަށާފައި،" ހާރިޝް ވިދާޅުވި އެވެ.

މޯލްޑިވިއަން އިން ރޭގައި ވަނީ ވިންޑްޝީލްޑުގައި ރެނދުލީ ފްލައިޓުގައި އެވަގުތު ތިބި ފަސިންޖަރުން މޯލްޑިވިއަންގެ އެހެން ބޯޓެއް މެދުވެރިކޮށް މާލެ ގެނެސްފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެ އެވެ.

"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ބޯޓުގައި ޕައިލެޓުން ތިބޭ ކޮކްޕިޓުގެ، ކަނައަތް ފަރާތު ވިންޑްޝީލްޑުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައި ބޭރު ނުފެންނަ ވަރުވެފަ އެވެ. އެ ހާދިސާ ހިނގުމާ އެކު އެބޯޓް ވަނީ ރޭ އެމެޖެންސީގައި ކޫއްޑޫ ރަންވޭ އަށް ޖައްސާފަ އެވެ.