ރާއްޖޭގައި ދިހަ މިސްކިތެއް ބިނާކުރުމަށް ފައްޓާފައިވާ މަޝްރޫއު އަށް ސައުދީ ވަލީ އަހުދު ސަލްމާން ބިން އަބްދުލް އަޒީޒް 1.2 މިލިއަން ޑޮލަރު ރާއްޖެ އަށް ހަދިޔާ ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދުގެ ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ދިހަ މިސްކިތެއް ބިނާކުރުމަށް ބޭނުންވާ ފައިސާ މިހާރު އިސްލާމިކް މިނިސްޓްރީގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ސައުދީއަރަބިއްޔާގެ ސަފީރު އަބްދުލް އަޒީޒު ޖަމާޒް އަންގަވާފައިވާ ކަމަށެވެ.

"ސައުދީގެ ވަލީ އަހުދު މިނިސްޓްރީއަށް 1.2 މިލިއަން ޑޮލަރު ހަދިޔާ ކުރައްވައިފި. މިފައިސާ މިހާރު ވަނީ ޖަމާވެފައި،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އެ ފައިސާއަކީ އެ މަޝްރޫއަށް ބޭނުންވާ ފައިސާ އެއްކޮށް ނޫން ކަމަށާއި އެ މަޝްރޫއު ކުރިއަށްދާ ވަރަކަށް ފައިސާ ލިބޭނެ ކަމަށް ވެސް ބައެއްް މީޑިއާތަކުގައި މިނިސްޓަރު ވަނީ ވިދާޅުވި އެވެ.

ސައުދީ ވަލީ އަހުދު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގައި ދިހަ މިސްކިތެއް ބިނާކޮށްދެއްވާނެ ކަަމަށް ވިދާޅުވެފަ އެވެ. އަދި ވަގުފް ފަންޑަށް އެއް މިލިއަން ޑޮލަރު ހަދިޔާކުރައްވާފައިވާ އިރު ސިއްހީ ދާއިރާގެ އެކި މަޝްރޫއުތަކަށް ވެސް އެ ދަތުރުފުޅުގައި ވަނީ 1.5 މިލިއަން ޑޮލަރު ހަދިޔާކުރައްވައިފަ އެވެ.