ގދ. ތިނަދޫގައި ރޭ ދަންވަރު ހިނގި ގްރޫޕް މާރާމާރީއެއްގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.

އެ މާރާމާރީގައި ޒަހަމްވެފައި ވަނީ ތިނަދޫ، ރަންތަރި، އިބްރާހިމް ޝިފާޒު، 18، އަށެވެ. އޭނާގެ ހަށިގަނޑުގެ ހަތަރުތަނަކަށް ވަޅި ހެރުމުން ލިބުނު ޒަހަމްތަކަކަށް ޑރ. އަބްދުއްސަމަދު އަބްދުﷲ މެމޯރިއަލް ހޮސްޕިޓަލުން ދަނީ ފަރުވާދެމުންނެވެ.

ޑރ. އަބްދުއްސަމަދު އަބްދުﷲ މެމޯރިއަލް ހޮސްޕިޓަލުން "ސަން"އަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ ޝިފާޒުގެ ގަޔަށް ވަޅި ހެރި ހަތަރު ތަނުގެ ތެރެއިން އޭނާގެ ބުރަކަށްޓަށް ވަޅި ހަރާފައިވާތަނާއި ފޫކޮޅާ ދިމާލުން ފަލަމަސްގަނޑަށް ވަޅިހަރާފައިވާތަން ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގާފައި ވަނީ ރޭ ދަންވަރު 12:15 އެހާކަންހާއިރު ކަމަށާއި އެ ރަށުގައި މާރާމާރީ ހިނގިކަން ފުލުހުންނަށް އެނގުނީ މީހަކު ޒަހަމްވެގެން ހޮސްޕިޓަލަށް ގެންދިއުމުން ކަމަށެވެ. އެ މާރާމާރީއާ ގުޅޭ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ތިނަދޫގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލާފައި ވަނީ އެ ރަށުގައި ގްރޫޕް މާރާމާރީތަކުގެ ހަމަނުޖެހުންތައް ހިންގާތާ ދުވަސްތަކެއްވީ ފަހުންނެވެ.ދ