16 Oct 2014, 09:32
މޮސްކޯ (އޮކްޓޯބަރ 16) : ހުޅަނގުން ރަޝިޔާއާ ކުރިމަތިލާން ބޭނުން ނަމަ ރަޝިޔާ ވެސް އޮތީ އެކަމަށް ތައްޔާރުވެގެން ކަމަށާ ހުޅަނގުން ކުރިމަތިކުރާ ކޮންމެ އުދުވާނެއް ދިފާއު ކުރުމުގެ ގާބިލްކަން ނިއުކްލިޔާ ހަތިޔާރުގެ ބާރުލިބިފައިވާ ރަޝިޔާގެ ލަޝްކަރުތަކުގެ ކިބާގައި އެބަހުރި ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.
ސާބިޔާގެ ވެރިރަށް ބަލްގްރޭޑަށް ފުރާވަޑައިގަތުމުގެ ކުރިން އެގައުމުގެ ނޫހެއްކަމަށްވާ "ޕޮލިޓިކާ" އަށް ދެއްވި ބަސްދީ ގަތުމެއްގައި ޕޫޓިން ވިދާޅުވީ ނިއުކްލިޔާ ހަތިޔާރުގެ ފުރިހަމަ ގާބިލްކަން ލިބިފައިވާ ރަޝިޔާ ކުރިމަތިލައިގެން ހުޅަނގަށް ކާމިޔާބު ނުލިބޭނެ ކަމަށާ ހުޅަނގަށް އޮތީ ރަޝިޔާއާ ކުރިމަތިލުމުގެ ބަދަލުގައި ސުލްޙަވެރިކަމާ އެކު މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން ކަމުގަ އެވެ. ޔުކްރޭންގެ މައްސަލައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ގެންދަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން ރަޝިޔާގެ ސިޔާސަތު ބަދަލުކުރުމަށް މަސައްކަތް ކުރަމުން ކަމަށާ މިއީ ބައިނަލްއަގްވާމީ އަމްނާއި ސުލްހައަށް ނުރައްކާވެގެންދާނެ ކަމެއް ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން އިތުރަށް ވިދާޅުވީ ހުޅަނގާއި ރަޝިޔާއާ ދެމެދު އިތުރު ފިނިހަނގުރާމައަކަށް ދިޔުމަކީ ރަޝިޔާގެ ސިޔާސަތެއްނޫން ކަމަށާ ރަޝިޔާ މަސައްކަތްކުރަނީ ހުޅަނގާއި ރަޝިޔާއާ ދެމެދުގައިވާ ޚިލާފްތައް ސުލްހަވެރި ގޮތުގައި ޙައްލުކުރުމަށް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. ޔުކްރޭންގެ މައްސަލާގައި އެމެރިކާ އާއި ރަޝިޔާއާ ދެމެދު މައްސަލަތައް އުފެދުނީ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ގެނައި މަދަނީ އިންގިލާބެއްގައި މި އަހަރުގެ ކުރީކޮޅު ޔުކްރޭންގެ އޭރުގެ ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ސަރުކާރު ވައްޓާލުމާ ގުޅިގެންނެވެ. ރަޝިޔާގެ އިތުބާރު ލިބިފައިވާ ޔަނަކޮވިޗްގެ ސަރުކާރު ވައްޓާލުމުގެ ފަހަތުގައިވަނީ ހުޅަނގުގެ ބާރުތައް ކަމަށް ރަޝިޔާއިން ތުހުމަތުކުރެ އެވެ.
ޔަނަކޮވިޗްގެ ސަރުކާރު ވައްޓާލުމާ އެކު ޔުކްރޭންގެ ކްރައިމިޔާ ސަރަހައްދުވަނީ ޔުކްރޭނުން ވަކިވެ އިއްތިޙާދީ އެއްބަސްވުމެއްގެ ދަށުން ރަޝިޔާއާ އިއްތިޙާދުވެ ރަޝިޔާއާ ގުޅިފަ އެވެ. މިއީ ރަޝިޔާ އަޑީގައި އޮވެގެން ޔުކްރޭން ބައިކޮށްލުމަށް ހިންގި އަމަލެއްކަމަށް ހުޅަނގުން ތުހުމަތުކުރެއެވެ. މިމައްސަލައާ ގުޅިގެން ޔުކްރޭންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ރަޝިޔާ ވަންނަމުންދާކަމަށް ބުނެ އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުންވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅާފަ އެވެ. މީގެ ރައްދުގައި ރަޝިޔާއިން ވެސް ވަނީ އެމެރިކާއާއި ވިލާތަށް އަމާޒުކޮށް ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް އަޅާފައެވެ. ރަޝިޔާ އިން ވަނީ އެގައުމުގެ އަވަށްޓެރި ޔުކްރޭން ނޭޓޯއަށް ވެއްދުމަށް ހުޅަނގުން ކުރާ މަސައްކަތްތަކީ ޢަސްކަރީ ގޮތުން ރަޝިޔާ ޙިސާރު ކުރުމުގެ އަމަލެއްކަމަށް ސިފަކޮށް ރަޝިޔާގެ ޖިޔޮ ސްޓްރެޓީޖިކް ސަރަހައްދަށް ވަނުމަށް މަސައްކަތް ނުކުރުމަށް ހުޅަނގަށް އިންޒާރުކޮށްފަ އެވެ. މިކަންތައްތަކާ އެކު ދެފަރާތުގެ ގުޅުންތައް މިހާރުވަނީ ފިނިހަނގުރާމައަށް ފަހު ދަށަށް ނުދާހާ މިންވަރަށް ދަށަށްގޮސްފަ އެވެ. (ރޮއިޓާސް)