ނިޔުޔޯކް (އޮކްޓޯބަރ 16) : އެބޯލާ ވައިރަސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ނާކާމިޔާބު ވެދާނެ ކަމުގެ އިންޒާރު އދ. އިން ދީފި އެވެ.

އެބޯލާއާ ބެހޭ ގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އެބޯލާ ކޮންޓްރޯލް ކުރުމާބެހޭ އދ. ގެ ޚާއްސަ މިޝަންގެ ރައީސް އެންތަނީ ބަންބެރީ ވިދާޅުވީ އެބޯލާ ވައިރަސްގެ ސަބަބުން ކުރިޔަށްއޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެތައް ހާސްބަޔަކު މަރުވެގެން ދިޔުމުގެ ބިރު އެބައޮތް ކަމުގަ އެވެ.

އެބޯލާ ވައިރަސް ކޮންޓްރޯލް ކުރެވޭނެ ތާރީޚެއް ބުނަންނޭނގޭ ކަމަށް ވެސް ބަންބެރީ ވިދާޅުވި އެވެ. އެބޯލާ ވައިރަސް، ދުނިޔޭގައި ފެތުރެމުންދަނީ އެބަލި ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވުރެ ބާރު މިނެއްގައި ކަމަށް ތަޖްރިބާކާރުން ބުނާ އިރު އެބައްޔާ ދެކޮޅަށް މިހާރު ވެކްސިންއެއް ޓެސްޓް ކުރެވިފައިވީ ނަމަވެސް އެ ވެކްސިންއާ ބެހޭ ދިރާސާތައް ނިމި އެވެކްސިން ބޭނުންކުރުމުގެ ހުއްދަ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އިން އަދި ދީފައެއް ނުވެ އެވެ.

އެބޯލާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނާކާމިޔާބުވެއްޖެ ނަމަ ބޮޑު ކާރިސާއަކާ ދުނިޔެ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ވެސް އެބޯލާ ކޮންޓްރޯލް ކުރުމާބެހޭ އދ.ގެ ޚާއްސަ މިޝަންގެ ރައީސް ބަންބެރީ ވަނީ ދެއްވާފަ އެވެ. އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ އެބޯލާ ވައިރެހަކީ ދުނިޔޭގެ އަމްނާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސިފަކޮށް ކުރިން ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށާއި އެވައިރަސް އިތުރު ގައުމުތަކަށް ފެތުރުނަ ނުދިނުމަށް ދުނިޔޭގެ ބޮޑެތި އަދި މުއްސަނދި ގައުމުތަކުން އެކަށީގެންވާ ވަރަށް މަސައްކަތްތަކެއް ނުކުރާކަމަށް ސިއްޙަތާ ބެހޭ ތަޖްރިބާކާރުން ބުނެ އެވެ. މީގެ އިތުރުން އެބޯލާ ކޮންޓްރޯލް ކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމްގެ ފަސޭހަތައް ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ އިން ދެކެ އެވެ.

އެބޯލާގެ ނުރައްކާ މުޅި ދުނިޔެއަށް އޮތް ނަމަވެސް އެބަލި ފެތުރެމުންދަނީ ހުޅަނގު އެފްރިކާގެ ތިން ގައުމުކަމަށްވާ ސީރަލިޔޯން، ގިނީ، އަދި ލައިބީރިޔާ ގަ އެވެ. އެބަލީގައި މިހާތަނަށް ހަތަރުހާސް ފައްސަތޭކައަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އިން ބުނެފައިވެ އެވެ. (ރޮއިޓާސް)