15 Oct 2014, 22:16
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ހިދުމަތް ލިބޭ ފާމަސީއެއް ގާއިމުކުރުމަށް އެސްޓީއޯ އިން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބ. ހިތާދޫގައި ބޭސްފިހާރައެއް ހުޅުވައި ހިދުމަތްދޭން ފަށައިފި އެވެ.
ހިތަދޫގައި ހުޅުވި އެ ފާމަސީއާ އެކު އެސްޓީއޯ އިން ވަނީ 37 ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރަ ހުޅުވައި ހިދުމަތްދޭން ފަށައިފަ އެވެ. އެ ކުންފުނިން އިއްޔެ ވަނީ މ. ކޮޅުފުށީގައި ވެސް އެ ކުންފުނީގެ ބޭސްފިހާރައެއް ހުޅުވާފަ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުގެ އުންމީދަކީ ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށްވުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރައެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.