24 Jan 2011, 09:36
އެމްޑީޕީ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު ވެސް އަދި ވެރިކަމާ ހަވާލުވުމުގެ ކުރިންވެސް ރައްޔިތުންގެ ގާތުގައި ވައުދުވަމުން އައީ ޕްރައިވެޓައިޒޭޝަން ނޫނީ ބޭރުގެ އިންވެސްޓަރުންނަށް ގައުމުގެ ދޮރާށިތައް ހުޅުވާލުމުގެ ވާހަކަ އިންނެވެ. ސަރުކާރުން ވިޔަފާރި ނުކޮށް މިނިވަން އިގްތިސޯދަކަށް ފުރުސަތު ދޭނެ ވާހަކަ އެވެ. ފުރީ މާކެޓް އެކޮނޮމީ ނުވަތަ މިނިވަން އިގްތިސޯދަށް ފުރުސަތު ދިނުމަކީ ކޮންމެ ސަރުކާރަކުން ވެސް ކުރަންޖެހޭނެ ކަމެކެވެ. އެ އުސޫލުން ބަލާއިރު މި ސަރުކާރުގެ އެ ވާހަކަތައް ރަނގަޅެވެ.
މިއަދުގެ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެކެވެ. އެމްޑީޕީ މެނިފެސްޓޯއަކީ "ނަނާ ހުވަފެން"ތަކަކަށް ނުވެ، ހަގީގަތަކަށް ހަދަންޖެހިފައިވާ ކަންތައްތަކެކެވެ. ރައްޔިތުންގެ ކުރިމަތީގައި ދެއްކި ވާހަކަތައް ހަގީގަތަކަށް ހެދުމުގެ ވަގުތު ދަނީ ކުޑަތަންވަމުންނެވެ.
ތިރީސް އަހަރު ދުވަހުގެ ދިގު ސަރުކާރެއް ގާނޫނީ ގޮތުން ބަލިކޮށް، ވެރިކަމަށްއާއިރު ކުރީގެ މަތި ބަރު ސަރުކާރުގެ ބުރަތައް މި ސަރުކާރަށް ވަނީ އުފުލަން ޖެހިފަ އެވެ. އެއްވެސް ތަރުތީބެއް ނެތި ދޫކޮށްލާފައިވާ އިގްތިސޯދު ނަގަހައްޓައި ކޮޅަށްޖެހުމުގެ ޒިންމާ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ކޮނޑުގައި އެޅިފަ އެވެ. އެހެންނަމަވެސް ސަރުކާރަށް ދެ އަހަރު ފާއިތުވެފައި ވާއިރު ވެސް އިގްތިސޯދު ބައްޓަން ކުރުމުގައި އިހެކޭ މާބޮޑު ތަފާތެއް ފެންނާތީއެއް ނުފެނުނެވެ. ވެރިކަމާ ހަވާލުވުމުގެ ކުރިން އިގްސޯދު ކޮޅަށް ނަގާނެ ޕުލޭންތައް ރާވައި އިތުބާރާ އެކު އެވާހަކަ ދެއްކެވި ނަމަވެސް އަމަލަކުން އެކަމެއް ނުފެނެ އެވެ.
ދާދިފަހުން ހެރިޓޭޖް ފައުންޑޭޝަނުން 2011 ގައި ނެރުނު އިކޮނޮމިކް ފުރީޑަމް އިންވެސްޓަރުންގެ އިންޑެކްސްގައި ރާއްޖެ އަށް ލިބުނީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ފުލު ޖާގައެކެވެ. އޭޝިޔާ ޕެސިފިކްގެ 41 ގައުމުގެ ތެރެއިން ރާއްޖެ އަށް ލިބުނީ 34 ވަނަ އެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.
ބޭރުގެ އިންވެސްޓަރުންނަކީ ގައުމުގެ އިގްތިސޯދުގެ މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ސަރުކާރަކީ ވިޔަފާރި ކުރާ ބައެއް ނޫނެވެ. ސަރުކާރަކީ ވިޔަފާރިތަކަށް މަގުފަހިކޮށްދޭ ބައެކެވެ. ވިޔަފާރިތައް ހާލުގައި ޖެހި ވެއްޓެންދާއިރު އަތް ދިއްކޮއްލެވޭ ގޮތަކަށް ސަރުކާރުގެ އިގްތިސޯދީ ވިސްނުން ބައްޓަންވެފައި އޮންނަންޖެހެ އެވެ. ސުވާލަކީ ސަރުކާރުން އެކަން ނުކުރާ ނަމަ ވިޔަފާރިތައް ހިންގާނީ ކޮންބައެއް ހެއްޔެވެ؟ އިގުތިސޯދީ ވިސްނުމަކުން އެ ސުވާލުގެ ޖަވާބާ މެދު ވިސްނާނަމަ ވަރަށް ސާފެވެ. އެގޮތަކީ ސަރުކާރު، ރެގިއުލޭޓްރީ ބޮޑީއެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އަމިއްލަ ވިޔަފާރިތަކުން އިކޮނޮމީގެ ތެރެއަށް ވަދެ ވިޔަފާރިކުރުމެވެ. އެހެނަސް އެކޮނޮމީގައި ހިނގާ ހުރިހާ ވިޔަފާރިތަކައް ޑިމާންޑާ އެއްވަރަށް ސަޕްލައި ކުރެވިދާނެ ބާއެވެ. އެކަމަށް ހައްލެއް ހޯދެން އަންނަނީ ބޭރުންގެ އިންވެސްޓަރުން ގައުމަށް އިންވެސްޓްކުރުވައިގެނެވެ. ގައުމުގެ ދޮރާށިތަކަކީ އިންވެސްޓަރުންނާއި ބީރައްޓެހި ދޮރާށިތަކަކަށް ވެއްޖެނަމަ އެކަމެއް ނުވާނެ އެވެ.
ބޭރުގެ އިންވެސްޓަރުން ގައުމުތަކަށް އިންވެސް ކުރުމުގެ ކުރިން ބަލާ އެއް އިންޑެކްސް ބުނާގޮތުން ރާއްޖޭގައި އިންވެސްޓަރުންނަށް އޮތް އެންމެ ބޮޑު ބިރަކީ ކޮރަޕްޝަންގެ މައްސަލައެވެ. ކޮރަޕްސަންގެ މައްސަލައަކީ ގައުމެއްގެ އިގްތިސޯދުގެ ފައިދާ އެންމެންނަށް ހަމަހަމައަށް ފެތުރިގެން ނުގޮސް ވަކި ބަޔެއްގެ މައްޗަށް ފައިދާ ފުރޮޅިގެން ދާނެ ކަމެކެވެ.
އޭގެ ސަބަބުން ފަގީރުން މިހާރު އިތުރަށް ނިކަމެތިވެ މުއްސަދިން ބޮޑެތި މަހުޖަނުންނަށް ވެގެން ދާނެ އެވެ. މިއީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެކެވެ. ރާއްޖޭގެ އިގްތިސޯދަށް ބަލައިލާއިރު ރީތިކޮށް ފެންނަން އޮތް މަންޒަރަކީ ވެސް އެއީ އެވެ. މިކަން ކަން ހައްލުކުރުމަށްޓަކައި ޓެކްސްގެ ރަނގަޅު އުސޫލުތަކާއި ނިޒާމްތަކެއް އެކަށައެޅިފައި ހުންނަން ޖެހެ އެވެ. މިނިވަން މުއައްސަސާތައް މިހާރަށް ވުރެ ބޮޑަށް ފާރަވެރިވާން އެބަޖެހެ އެވެ.
ރާއްޖެއަށް އިންވެސްޓަރުން އައުމަށް ދެންޖެހިލުންވާ އަނެއް މައްސަލައަކީ އަދިވެސް ރާއްޖޭގެ އިގްތިސޯދު މިނިވަންވެފައި ނެތުމެވެ. ގިނަ ވިޔަފާރިތައް އަދިވެސް ހުރީ ސަރުކާރުގެ އަތްދަށުގަ އެވެ. ކަންކަމަށް ގާބިލް މުވައްޒިފުން ތިބީ ސަރުކާރުގެ ވިޔަފާރިތަކުގެ ތެރޭގަ އެވެ. އެހެންކަމުން އިންވެސްޓަރުން ޖެހިލުން ވަނީ ތަމްރީނު ލިބި ތިބި މުވައްޒިފުންގެ ނުލިބިދާނެތީ އެވެ. ވިޔަފާރިތަކާއި ސެކްޓާތައް ކޮޅަށްޖަހައި ބަޔަކީ ލޭބަރުންނެވެ.
އޯވަރޯލް އިކޮނޮމީއަށް ބަލާނަމަ އިންވެސްޓަރުން އުފާވާނެ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެގޮތުން ބަލާއިރު ޓެކްސްގެ ރަނގަޅު އުސޫލުތަކެއް ހެދިފައި ނެތުމަކީ އިންވެސްޓަރުން އުފާވާނެ ކަމެކެވެ. އަނެއް ކަމަކީ ފްރީ މަނިޓަރީ ޕޮލިސީއެއް އޮތުމެވެ. މި ހުރިހާ ކަމަކީ ވެސް ގައުމެއްގެ އިގްތިސޯދަށް އިންވެސްޓަރުން ދަހިކުރުވާ ކަންތައްތަކެވެ. އެކަމަކު
މިކަންކަމަކީ ގައުމުގެ އިގްތިސޯދަށް ވަރަށް ނުރައްކާތެރި ކަންތައްތަކެވެ.
އިންފްލޭޝަން ރޭޓަށް ބަލާނަމަ އެއީ އޯވަރޯލްކޮށް ތަކެތީގެ އަގުތައް ބޮޑުވުމެވެ. އެހެންކަމަށް ވާނަމަ އޭގެ އެންމެ ބޮޑު ގެއްލުމެއް ކުރާނީ ނިކަމެތި ރައްޔިތު މީހާއަށެވެ.
ޓެކްސްއަސް ބަލާއިރު ވެސް ޓެކްސްގެ ހަރުދަނާ ނިޒާމުތަކެއް ހެދިފައި ހުންނަން އެބަޖެހެ އެވެ. އެހެންނޫނީ ގައުމުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ބެހިގެނެއް ނުދާނެ އެވެ. ފްރީ މަނިޓަރީ ޕޮލިސީއަކީ ވެސް ގައުމަށް ނުރައްކާތެރި ކަމެކެވެ. އެއްވެސް އުސޫލެއްނެތި ފައިސާ ރާއްޖޭން ބޭރުވެ އެތެރެ ވުމަކީ ސަރުކާރުން ވިސްނަންޖެހިފައިވާ ބޮޑު މައްސަލަ އެކެވެ.
ބޭރުގެ އިންވެސްޓަރުންނަށް ގައުމު ދޮރާށިތައް ހުޅުވާލާއިރު ހަމަމަގަށް އަޅުވަން ޖެހޭ ކަންކަން އެބަހުއްޓެވެ. ބޭރުގެ އިންވެސްޓަރުންގެ ފައިދާ އޭގެ އެންމެ ހެޔޮ ގޮތުގައި ފެންނަން ބޭނުން ނަމަ ސަރުކާރުން ވައުދުވެފައިވާ ވިޔަފާރި މިނިވަންކޮށް ސަރުކާރުން އުފައްދާފައިވާ ކުންފުނިތަކުން އަތް ފޮޅައިލަންޖެހެ އެވެ. މާކެޓް ފޯސްތަކަށް އިކޮނޮމީގެ ހުންގާނު ދޫކޮށްލައި ސަރުކާރުން ރެގިއުލޭޓްރީ ބޮޑީއެއްގެ ޒިންމާ އަދާކުރަން އެބަޖެހެ އެވެ. ނޫންނަމަ ފޮރިން އިންވެސްޓަރުންގެ ފައިދާ މި ގައުމުގެ އިގްތިސޯދަށް ކުރަމަކީ ދުރުގައިވާކަމެކެވެ. ކަރުދާސް ކުންފުނިތައް ހަދައި ވިޔަފާރިތައް އެ ތަންތަނަށް ބަދަލު ކުރުމަކީ ޕްރައިވަޓައިޒު ކުރުމެއް ނޫނެވެ. އަދި އެއީ ވިޔަފާރީގެ ތެރެއިން ސަރުކާރު ދުރަށް ދިއުމެއް ވެސް ނޫނެވެ. އެކަމުން އިތުރަށް ފަހިވަނީ ކޮރަޕްޝަނަށް ހުޅުވޭ ދޮރުތަކެވެ.