ކޮލަމްބޯ (އޮކްޓޫވަރު 15) -- ސަރުކާރުގެ ހުއްދަ ނެތި، ތަމަޅައިންގެ މެޖޯރިޓީ އޮންނަ ޖަފުނާ އަށް ބިދޭސީން ދިއުން ލަންކާ ސަރުކާރުން މިއަދު މަނާކޮށްފި އެވެ.

ސްރީލަންކާގެ އިންފޮމޭޝަން ޑިޕާޓްމަންޓާ ހަވާލާދީ އިންޑިއާގެ އެކޮނަމިކް ޓައިމްސް އިން މިއަދު ބުނީ 26 އަހަރުވަންދެން އަހުލީ ހަނގުރާމައެއް ކުރި ލަންކާގެ އުތުރަށް ބިދޭސީންނަށް ދެވޭނީ ޑިފެންސް މިނިސްޓްރީގެ ހުއްދަ ކުރިން ލިބިގެން ކަމަށެވެ.

"ބިދޭސީން ނޫނީ އެފަދަ ޖަމާއަތްތަކަށް އުތުރަށް ދެވޭނީ ޑިފެންސް މިނިސްޓްރީ އަށް ލިޔެ ކުރިން ހުއްދަ ލިބިގެން." ސަރުކާރުގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ބުންޏެވެ.

ލަންކާގެ ރައީސް ރާޖަޕަކްސާ މި ހަފުތާގައި އުތުރަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ބިދޭސީން އުތުރު ޕްރޮވިންސަށް ދިއުން ސިފައިން ވަގުތީ ގޮތުން މަނާކުރި އެވެ.

ދެހާސް ނުވަ ވަނަ އަހަރު ތަމަޅަ ޓައިގަރުން ފަހަތަށް ޖައްސައި ޕްރަބާކަރަން މަރާލުމަށް ހިންގި އޮޕަރޭޝަނުގައި އިންސާނިއްޔަތާ ހިލާފު އެތައް ކަމެއް ހިންގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ކަމަށް ހުޅުނގުން ދެކެ އެވެ. އަދި ޔުނައިޓެޑް ނޭޝަނުން ވަނީ އެކަން ބެލުމަށް ނިންމައިފަ އެވެ. ނަމަވެސް ލަންކާ ސަރުކާރުން ވަނީ އެކަމަށް ހުއްދަ ނުދީފަ އެވެ.

ޔުނައިޓެޑް ނޭޝަނުން 2011 ވަނަ އަހަރު އެސްޓިމޭޓް ކުރި ގޮތުގައި ހަނގުރާމައިގެ ފަހު ހަފުތާގައި އާންމުންގެ 40،000 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް ހަ އަހަރުގެ ތިން ވަނަ ދައުރެއްގެ އިންތިހާބު އަންނަ ޖެނުއަރީ މަހު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ރާޖަޕަކްސާގެ ސަރުކާރުން އެކަން ދޮގުކުރެ އެވެ.