15 Oct 2014, 21:19
ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހި ފެށުމުގެ ގޮތުން ހުޅުމާލެ ހުޅަނގުފަރާތު ފަޅު ހުސްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ހުޅުމާލެ ހިއްކުމުގެ ދެ ވަނަ ފިޔަވަހި ފެށުމަށް ގެންނަ މެޝިނަރީ އާއި މެޓީރިއަލްސް ފަރުކޮޅުފުއްޓާ ހަމައަށް ގެންދިއުމަށް ބޭނުން ކުރާ އަޅުނދު ފަހަރު ވަދެ ނުކުމެ ހެދުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި އަޅާފައިވާ ހުރިހާ އުޅަނދެއް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ނަގަން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ހުއްދަ ނެތި އެ ސަރަހައްދަށް އެއްވެސް އުޅަނދެއް ވަދެ ނުކުމެ ހެދުމަކީ މަނާ ކަމެއް ކަމުގައި ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެޗްޑީސީގެ ޗެއާމަން ހަސަން ޒިޔަތު މިރޭ "ސަން" އަށް ވިދާޅުވީ، ހުޅުމާލެ ދެ ވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ މަހުގެ މެދެއްހާ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ހިއްކަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޖުމްލަ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހުޅުމާލެ ހިއްކުމުގެ ދެ ވަނަ ފިޔަވަހި ހަވާލުކޮށްފައި ވަނީ ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް އާއެވެ. ގާތްގަނޑަކަށް 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކަން ފަށާ ދެ ވަނަ ފިޔަވަހީގެ ދަށުން ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރު ހިއްކާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.