15 Oct 2014, 20:35
އައްޑޫ ސިޓީ، ގަމުން ފުރައިގެން މާލެ ދަތުރު ކުރަމުން އައި މޯލްޑިވިއަން ފްލައިޓެއްގެ ކޮކްޕިޓުގެ، ވިންޑްޝީލްޑުގައި ރެނދުލައި ތަޅައިގެން ދިއުމުން އެމެޖެންސީގައި ކޫއްޑޫ އެއާޕޯޓަށް ޖައްސައިފި އެވެ.
"ސަން"އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ބޯޓުގައި ޕައިލެޓުން ތިބޭ ކޮކްޕިޓުގެ، ކަނައަތް ފަރާތު ވިންޑްޝީލްޑުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައި ބޭރު ނުފެންނަ ވަރުވެފަ އެވެ.
އެމެޖެންސީގައި ކޫއްޑޫ ރަންވޭ އަށް ބޯޓު ޖެއްސި އިރު، ބޯޓުގެ އެތެރޭގައި ވަރަށް ގަދައަށް ދުން ހުރި ކަމަށްވެ އެވެ. ބޯޓުން ދަތުރު ކުރި ފަސިންޖަރުންނާއި ކުރޫ އިން ބޭލުމަށް ފަހު ބޯޓު މިހާރު ވަނީ ހުސްކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލްހާރިސް "ސަން"އަށް މިރޭ ވިދާޅުވީ މޯލްޑިވިއަންގެ ބޯޓުގެ ބިއްރޫރިގަނޑުގައި ރެނދުލީ ގަމުން އުދުއްސާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށާއި އެފަދަ ހާލަތުގައި އުދުހުން ރަނގަޅު ނޫން ކަމަށް ފެންނާތީ އެމެޖެންސީގައި ކޫއްޑޫ އަށް ޖެއްސީ ކަމަށެވެ.
ހާރިސް ވިދާޅުވީ އެމެޖެންސީގައި ކޫއްޑޫ އަށް ޖެއްސި ފުލައިޓުގެ ވިންޑްޝިލްޑް ބަދަލު ކުރުމަށް، އާ ވިންޑްޝިލްޑެއް މޯލްޑިވިއަންގެ ބޯޓެއްގައި މިރޭ ކޫއްޑޫ އަށް ފޮނުވާނެ ކަމަށެވެ.
"ކޫއްޑޫގައި ތިބި ފަސިންޖަރުން މިކޮޅަށް ގެނައުމަށް ފްލައިޓެއް އިރުކޮޅަކުން އެކޮޅަށްދާނެ. އެ ފުލައިޓުގައި އާ ވިންޑްޝިލްޑް ވެސް އަޅުގަނޑުމެން ގެންގޮސް ބަދަލު ކުރާނަން،" އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.