ގދ. މަޑަވެލިން ޑިންގީ އާއި ދޮންނަމެޝިނަކާއި ބައިސްކަލުތަކެއް ވަގަށް ނަގައިފި އެވެ.

ފުލުހުން ވެސް ވަނީ މިއަދު އެކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ. ފުލުހުންގެ މިޑިއާ އޮފިޝަލު ވިދާޅުވީ މަޑަވެލީ ކައުންސިލުން އެ މައްސަލަ ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރު 1:00 ހާއިރު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ރަށުގެ ތިން ގެއަކުން ވައްކަން ކޮށްފައިވާ އިރު ފަޅުގައި އޮތް ޑިންގީއެއް ވެސް ވަގަށް ނަގާފައިވާ ކަމަށެވެ. އެގޮތުން އެއް ގެއަކުން ބައިސްކަލަކާއި ސަރަންފީ ގޮނޑިއެއް ވަގަށް ނަގާފައިވާ އިރު، އަނެއް ގެއިން ބައިސްކަލެއް އަދި ތިން ވަނަ ގެއިން ދޮންނަމެޝިނެއް ވަގަން ނަގާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް މަޑަވެލިން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ ފަސް ހޯސް ޕަވަރުގެ އިންޖީނެއްލާފައި އޮތް ޑިންގީގައި ބޭރުގައި ލާފައި ހުންނާނީ ނޫކުލައިގެ ދަވާދު ކަމަށެވެ. އަދި ޑިންގީ ފެނުގައި ޖެހޭ ހިސާބުގައި ހުންނާނީ ރަތް ކުލަ ލާފައި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ވައްކަމާ ގުޅިގެން އެ ރަށާ ކައިރި ރަށްތައް ވެސް ބަލާފައިވާ ކަމަށެވެ. އަދި އެ ވައްކަން ކޮށްފައި ވަނީ ރަށުގެ ބަޔަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.