15 Oct 2014, 15:47
ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުން ކުރަން ޖެހޭ ހަރަދުތައް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވި އެވެ.
ސަރުކާރުގެ އިކޮނޮމިކް ކައުންސިލް އިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޖިހާދު ވިދާޅުވީ ގިނަ އަދަދެއްގެ ބިލްތަކަށް ފައިސާ ނުދައްކައި ހުރުމުން ދެން އެ ފައިސާ ދައްކަންޖެހެނީ ބަޖެޓުގެ އެހެން ބަޔަކުން ނަގާފައި ކަމަށާއި އެހެންވެ ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މެދުކަނޑަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެޕެންޑިން ބިލްތަކުގެ މައްސަލަ އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން މި ސަރުކާރާއި ހަވާލުވި އިރު ރައީސް ނަޝީދު ސަރުކާރުން ބަހައްޓާފައި ހުރި ގިނަ ބިލްތަކެއް އެބަހުރި، އެބިލްތައް މިހާރު މިދަނީ ދައްކަމުން، އެބިލްތައް 2012، 2013، 2014 ވަނަ އަހަރު ވެސް، އަދި 2015 ވަނަ އަހަރު ވެސް މިބިލްތައް އަދާ ކުރަން އެމައުންޓެއް ލައިފަ އިންނާނީ،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.
މިސަރުކާރުގެ އަމާޒަކީ އިގްތިސާދަށް ހަމަޖެހުމެއް ގެނައުން ކަމަށާއި އެކަމަށް އެންމެ ރަނގަޅުގޮތަކީ ހަރަދުތައް ވަކި ވަރެއްގައި ހިފަހައްޓައި އާންމުދަނީ އިތުރުކުރުން ކަމަށާއި އެ މަސައްކަތް ދަނީ މިހާރު ކުރެވެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ދައުލަތުގެ ރިކަރަންޓް ހަރަދު 20 ޕަސެންޓް އުނިކުރުމަށް އަންގާފައިވާނެ ކަމަށާއި އަދި ބައެއް ޕީއެސްޕީ ޕްރޮޖެކްޓްތައް ހިފަހައްޓާފައިވާ ކަމަށް ވިދާޅުވި އެވެ.
މިސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ބެލެންސް ބަޖެޓަކަށް ދިއުން ކަމަށް ވެސް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ. އަދި މި އަހަރު ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓަކަށް ދާކަށް ނުނިންމާ ކަމަށް މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.