ކުޅެން ލިބުނު މަދު ފުރުސަތުތަކުގައި ޓީމުން ޖާގަދޭންޖެހޭ ފަދަ ކުޅުމެއް ދައްކާފައި ވާނޭ ކަމަށް ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު އެވަޓަން އަށް ކުޅެމުން އަންނަ ފޯވަޑް ރޮމެލޫ ލުކާކޫ ބުނެފި އެވެ.

ބެލްޖިއަމް އަށް އުފަން ޒުވާން ފޯވަޑް ބުނީ ޗެލްސީގައި ކާމިޔާބީތަކެއް ހޯދަން ބޭނުންވި ކަމަށާއި ނަމަވެސް އެ ޓީމުން އޭނާއަށް އެ ފުރުސަތު ނުދިން ކަމަށެވެ. އަދި ކިތަންމެ ބޮޑު ކްލަބަކަށް ވިޔަސް ބޭނުން ވަނީ ޗެލްސީގެ ސްކޮޑްގައި ހިމެނުމަށްވުރެ ފެންވަރު ދައްކައިގެން ފުޓްބޯޅައިގައި ކުރިއެރުން ހޯދަން ކަމަށެވެ.

" އަހަރެންނަށް އިނގޭ ޗެލްސީގައި ކުޅުމެކޭ އެހެން ޓީމަކަށް ކުޅުމެކޭ އެއްފަދަ ނުވާނެ ކަން. އެއީ ބޮޑު އަދި ކާމިޔާބު ކްލަބެއް. އަހަރެން ޗެލްސީއާ ގުޅުނީ މޮޅަށް ކުޅެ ކުރިއެރުން ތަކެއް ހޯދަން. އެކަމަކު އެކަން ކުރާނެ ފުރުސަތެއް އެ ޓީމުން އަހަރެންނަށް ނުދޭ، " ލުކާކޫ ބުންޏެވެ.

އުމުރުން މިހާރު 21 އަހަރުގެ ފޯވަޑް ބުނީ ޗެލްސީގައި ހޭދަކުރީ އުނދަގޫ ދުވަސްތަކެއް ކަމަށާއި މިހާރު ބޭނުންވަނީ އެ ހަނދާންތައް ފޮހެލައި އެވަޓަންގައި ކެރިއަރު ބިނާކޮށް ކާމިޔާބީތައް ހޯދަން ކަމަށެވެ. އަދި އެވަޓަން އަކީ ކާމިޔާބަށް އެދިގެން ކުޅޭ ޓީމެއް ކަމަށާއި އެ ޓީމުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށެވެ.

" އަހަރެން ކުރިން ކުޅުނު ހުރިހާ ކްލަބަކަށްވެސް ކުޅުނީ ފުރުތަމަ އެގާރައިގައި ހިމެނިގެން. އަހަރެން މިބުނަނީ ކޮންމެހެން ހުރިހާ މެޗެއްގައި ފުރުސަތު ދޭށެކޭ ނޫން. އެކަމަކު އަހަރެންނަށް ހީވަނީ އެމީހެއްގެ ގައިގަ ހުރި ފެންވަރެއް ދެއްކޭނީ ދަނޑުމަތީގައި ކުޅެން ފުރުސަތު ލިބުމުން. ޗެލްސީ އިން އަހަރެންނަކަށް އެ ފުރުސަތެއް ނުދޭ. އެވަޓަން ގައި އަހަރެން މިހިރީ ހިތްހަމަޖެހިގެން. މިތާނގައި އަހަރެންނަށް ކުރިއެރުން ލިބޭ. ކުރިއަށް އޮތްތާނގައި އެވަޓަން ވާނެ މޮޅު ކްލަބަކަށް." ލުކާކޫ ބުންޏެވެ.

ލުކާކޫ ވަނީ މި ސީޒަންގައި އެވަޓަން އަށް ދެ ގޯލް ޖަހައި ދިނުމުގެ އިތުރުން އެސިސްޓެއްވެސް ކޮށްދީފައެވެ.