ބަރުދަން ލުއިކުރުމަށް ނުވަތަ ހިކެން ގިނަ ބަަޔަކު ބުރަ މަސައްކަތްތަކެއް ކުރެ އެވެ. އެކަމަށްޓަކައި ބޮޑެތި ހަރަދުތަކެއް ކުރާ މީހުން ވެސް މަދެެއް ނޫނެވެ. ނަމަވެސް ގުދުރަތީ ގޮތުން ލިބެން ހުރި އެއްޗެހި ދޫކޮށް ޖިސްމާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމަކަށް ބޮޑެތި ހަރަދުތަކެއް ކުރުމަކީ މުހިއްމު ކަމެއްބާ އެވެ؟

އެމެރިކާގެ ސައިންސުވެރިންތަކެއް ވަނީ އެ ސުވާލުގެ ޖަވާބު ދާދި ފަހުން ހޯދާފަ އެވެ. ބަރުދަން ފަސް ގުނަ ދަށްކޮށްދީ ޖިސްމާނީ ގޮތުން ދުުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގްރޭޕް ފުރުޓު ޖޫހުގެ މުހިއްމުކަން ދިރާސާއަކުން ވަނީ ހޯދައިފަ އެވެ.

މީދާތަކެއް ބޭނުންކޮށްގެން ކެލިފޯނިއާގެ ބާކްލޭ ޔުނިވާސިޓީގެ ސައިންސުވެރިންތަކެއް ހެދި އެ ދިރާސާގައި މީދާތައް ދެބަޔަކަށް ބަހާލުމަށް ފަހު އެއް ގްރޫޕަށް ފެން އަދި އަނެއް ގްރޫޕަށް ގްރޭޕް ފްރުޓް ދިނެވެ. ނަތީޖާދެއްކީ ގްރޭޕް ފުރުޓް ދިން މީދާތަކުގެ ބަރުދަން ފެން ދިން މީދާތަކަށްވުރެ ދަށްވުމެވެ.

ސައިންސުވެރިން ބުނާ ގޮތުން، ގްރޭޕް ފުރުޓް ދިން މީދާތަކުގެ ބަރުދަން ދަށްވީ ޖޫހުގެ ސަބަބުން ހަށިގަނޑަށް ސަރުބީ ދަމައިގަންނަ މިންވަރު ދަށްވުމުންނެވެ. އެގޮތުން ބަރުދަން 18 ޕަސެންޓް ދަށްކޮށްދޭ ކަމަށް އެ ދިރާސާ އިން ދައްކަ އެވެ.

މީގެ އިތުރުން، ގްރޭޕް ފުރުޓްގެ ބުއިމުން ޖުލްކޯޒް ލެވެލް 13 އާއި 17 ޕަސެންޓް އާ ދެމެދު ދަށްކޮށްދޭ އިރު، ލޭގެ އިންސިއުލިންގެ މިންވަރު 66 ޕަސެންޓް ދަށްކޮށްދެ އެވެ.

މީގެ އިތުރުން ގްރޭޕް ފުރުޓުގެ ސަބަބުން ހަކުރު ބަލި ކޮންޓްރޯލްކުރުމަށް އެހީވެދީ މެޓަބޮލިޒަމް އިތުރުކޮށްދެ އެވެ. އަދި ވިޓަމިންސީ ގިނަ އަދަދަކަށް ހިމެނޭ ގްރޭޕް ފުރުޓްގެ އޮށް ކައިގެން ކޮލެސްޓްރޯލް ވެސް ދަށްކޮށްދޭ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

ގްރޭޕް ފުރުޓްގެ ސަބަބުންވާ ފައިދާތައް ކުރިން ހާމަވެފައި އޮތް ނަމަވެސް، ސައިންސުވެރިން ކުރި އެ ދިރާސާ އިން އެކަން ސާބިތުވެއްޖެ އެވެ.