15 Oct 2014, 14:55
ރާއްޖެ އިން ތެޔޮ ހޯދުމަށް ކުރަމުން އަންނަ ދިރާސާތަކުން މިހާތަނަށް ފެންނަން ނަނީ "ހެއްވާލާ ކަހަލަ" ސިގްނަލްތަކެއް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އިކޮނޮމިކް ކައުންސިލް އިން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝައިނީ ވިދާޅުވީ ތެޔޮ ހޯދުމަށް މި އަހަރު ތެރޭގައި ކުރި ދިރާސާގެ ތަފްސީލު ރިޕޯޓެއް ލިބޭވަރު ވާނީ މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި ކަމަށެވެ. އަދި މިހާތަނަށް ލިބުނު ސިގްނަލްތަކަކަކީ "ހެއްވާލާ ކަހަލަ" ސިގްނަލްތަކެއް ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ކުރި އެސެސްމަންޓުން ދައްކާ އިރު ވެސް އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ނުވަތަ އަޅުގަނޑުމެން ހެއްވާލާ ކަހަލަ ނުވަތަ އަޅުގަނޑުމެން އުފާ ކުރާ ކަހަލަ ސިގުނަލްތަކެއް ފެނިފައި އެބަހުރި،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
ރާއްޖެ އިން ތެޔޮ ފެންނާނެ ކަމުގެ ކިހާ ޔަގީން ކަމެއް ލިބިފައިވޭތޯ ސަން އިން ސުވާލުކުރުމުން މިނިސްޓަރު ޝައިނީ ވިދާޅުވީ "ވަރަށް ޔަގީނާ ގާތަށް ރާއްޖޭގައި ތެޔޮ ހުންނާނެ، ސޯސްރޮކޭ މިކިޔާ އެއްޗެހި އެ އެބަހުރި ފެންނަން. އެސޯސް ރޮކް ރާއްޖޭގައި ހުރުމުން އަޅުގަނޑުމެންގެ ރާއްޖޭގައި ތެޔޮ ނުވަތަ ހައިޑޯ ކާބަން ނުހުންނާނެއެކޭ ބުނާނެ އެއްވެސް ސަބަބެއް މިހާރަކު ނެތް،" ކަމަށެވެ.
ތެލުގެ ރިޒާވް ހޯދުމަށް މުޅި ކަނޑުގެ ސަރަހައްދު ބެލުމަކީ ބޮޑު ހަރަދަކަށް ވާނެ ކަމަށާއި އޭގައި ބަލަން ޖެހޭނީ އެންމެ މުހިންމު ސަރަހައްދުތައް ބެލުން ކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެއީ ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ޔޫރަޕަށް ކުރެއްވި ދަތުރެއްގައި ދެ ގައުމަކުން އެމްއޯޔޫއެއްގެ ދަށުން ތެޔޮ އެކްސްޕްލޯ ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.