15 Oct 2014, 13:41
މިހާރުގެ ސަރުކާރާ އިދިކޮޅު ލީޑަރު ގައުމު ފަސާދަކޮށް ހަމަނުޖެހުން ހިންގަަވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮޅުފުށީ ކައުންސިލްގައި ހުންނެވި ހަމައެކަނި އެމްޑީޕީ އަށް ނިސްބަތްވާ މެންބަރު ޕީޕީއެމް އަށް ސޮއިކުރެއްވުމަށް މިއަދު ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ގައުމު ހަމަމަގަށް އަޅުވައި އިގްތިސޯދު ރަނގަޅު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އިދިކޮޅުން ފަރާތްތަކުން ކުރަމުން އަންނަ ކަންކަމާ މެދު ހިތާމަކުރައްވާ ކަމަށް އަދީބު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް އަޅުގަނޑު ހިތާމައާ އެކު ފާހަގަކޮށްލަން އިދިކޮޅު މެންބަރުން ހާއްސަކޮށް އިދިކޮޅު ލީޑަރު ދަނީ މިގައުމުގަޢި ތަންތަން ފަސާދަކޮށް ތަންތަން ރޯކޮށް ހަމަނުޖެހުން ހިންގަމުން،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ ޕީޕީއެމްއަކީ މިއަދު ސަރުކާރު ހިންގާ ޕާޓީ އަށްވާ އިރު ސަރުކާރުން އަންނަނީ އިގްތިސޯދު ހައްލު ކުރުމަށް ޓަކައި ގެންގުޅެން ޖެހޭ ސިޔާސަތުތައް ތަންފީޒު ކުރަމުން ކަމަށެވެ. އެގޮތުން ޑޮލަރުގެ އަގުހެޔޮކޮށް އިގްތިސޯދީ ގޮތުން މިއަދު ތެޔޮ ވެސް އަގު ހެޔޮވެފައިވާކަން އަދީބު ފާހަގަކުރެއްވި އެވެ.
އެގޮތުން ގައުމުގެ އިގްތިސޯދު ރަނގަޅުކޮށް ގައުމު ހަމަމަގަކަށް އަޅުވައިގެން ގެންދިއުމަށް ޓަކައި މަސައްކަތް ކުރަން ޕީޕީއެމް ތައްޔާރަށް އޮތް ކަމަށް އަދީބު ވިދާޅުވި އެވެ.