15 Oct 2014, 13:34
މ. ކޮޅުފުށި ކައުންސިލުގައި ހުންނެވި ހަމައެކަނި އެމްޑީޕީގެ މެންބަރު ޝުއައިބު އަބްދުﷲ ޕީޕީއެމްއަށް ސޮއިކޮށްފި އެވެ.
ޝުއައިބު ޕީޕީއެމް އަށް ސޮއިކުރެއްވީ މިއަދު މެންދުރު ރައީސް ޔާމީންގެ ކެމްޕޭން އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރު އަދީބުގެ އިތުރުން ޕީޕީއެމްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ ޕީޕީއެމް އަށް 100،000 މެންބަރުން ހަމަކުރުމަކީ އެއީ އެ ޕާޓީގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެ އަމާޒަށް ވާސިލްވުމަށް ޕީޕީއެމް ވަރަށް ބާރަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެއްލައްކަ ހަމަކުރުމަށް އަޅުގަނޑުމެން މިދަނީ މެކުހަށް ޖަހައިގެން މަސައްކަތް ކުރަމުން. އެގޮތުން ކައުންސިލަރުންނާއި މެންބަރުން ވެސް މިދަނީ ޕީޕީއެމް އަށް ގުޅެމުން. އެއީ މި ސަރުކާރުގެ ތަރައްގީގެ މަސައްކަތްތައް މެންބަރުން ބަލައިގަންނަމުން އަންނަ ކަމުގެ ހެއްކެއް،" އަދީބު ވިދާޅުވި އެވެ.
ކައުންސިލް މެންބަރު ޝުއައިބު ވިދާޅުވީ ޕީޕީއެމްއާ ގުޅުމަށް ނިންމީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދާދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން ނޫނީ އެމަސައްކަތް ފުރިހަމައަށް ނުކުރެވޭނެ ކަމަށް ގާބޫލު ކުރައްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އިދިކޮޅު މެންބަރުން ވެސް ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން މެނުވީ ތަރައްގީ ހޯދަން އުނދަގޫވާނެ ކަމަށެވެ. އެހެންކަމުން އިދިކޮޅު މެންބަރުން ވެސް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ނާޒިމް އެދިވަޑައިގެންނެވި އެވެ.