15 Oct 2014, 13:27
އިނގިރޭސި ވިލާތުގެ އާސެނަލްގެ މެނޭޖަރު އާސެން ވެންގާގެ ބަދަލުގައި އާ ކޯޗެއް ގެނައުމަކީ އެ ޓީމަށް ދިމާވާނެ ބޮޑު ގޮންޖެހުމެއް ކަމަށް އާސެނަލްގެ ޗީފް އެގްޒެކެޓިވް އީވާން ގަޒިޑިސް ބުނެފި އެވެ.
އާސެނަލްގެ ކޯޗުކަމާ 1996 ވަނަ އަހަރު ހަވާލުވުމަށްފަހު ވެންގާ ވަނީ ތިން ފަހަރެއްގެ މަތިން އިނގިރޭސި ވިލާތުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައެވެ. މިގޮތުން 2003-04 ގެ ސީޒަންގެ ލީގު މަޝްހޫރު "އިންވިންސިބަލްސް" ޓީމް އިން ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި ޖެހިޖެހިގެން 17 އަހަރުވަންދެން ޗެމްޕިއަންސް ލީގަށް އާސެނަލް ކޮލިފައިކޮށްދީފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.
" ވެންގާ އަކީ މޮޅު ކޯޗެއް. އޭނާ ވަނީ އާސެނަލް އަށް ގިނަ ކާމިޔާތަކެއް ހޯދައިދީފަ. ވެންގާގެ ބަދަލުގައި ޓީމް ގޮވައިގެން ދަތުރު ކުރާނެ އެހެން މީހެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް. އެއީ އާސެނަލް އަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުން. މިހާތަނަށް ވެންގާ އައީ އާސެނަލް އަށް ރަނގަޅަށް މަގު ދައްކައިދީ ފުޓްބޯޅައިގެ އެހެން ކްލަބްތަކަށް ނަމޫނާ ކްލަބެއްގެ ގޮތުގައި އާސެނަލް ހަދައިދެމުން. އޭނާ ވަނީ އިނގިރޭސި ފުޓްބޯޅައިގައި އެހެން ހަރުފަތަކަށް ކްލަބް ގެންގޮސްދީފައި،" އީވާން ގަޒިޑިސް ބުންޏެވެ.
އީވާން ގަޒިޑިސް ބުނީ ވެންގާ އަކީ އާސެނަލް ދެކެ ލޯބިވާ، ޓީމަށް ވަރަށް މުހިއްމު މީހެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައި އާސެނަލް ވެގެންދާނީ ޔޫރަޕްގެ އެންމެ މަތީ ފަންތީގައި ވާދަކުރާ މޮޅު ކްލަބެއްގެ ގޮތުގައި ކަމަށެވެ.
" ޔޫރަޕްގެ އެންމެ މޮޅު ޓީމްތަކުގެ ފެންވަރަށް އާސެނަލް އަށް އަދި ދެވިފައެއް ނެތް. އަހަރުމެން މަސްތަކަތް މިކުރަނީ ރެއާލް މެޑްރިޑް އާއި ބަޔާން އަދި ބާސެލޯނާ ފަދަ މޮޅެތި ކްލަބްތަކާ އެއް ފެންވަރަކަށް ޓީމު ހަދަން. އެ ފެންވަރުގެ ޓީމަކަށް އާސެނަލް ހެދޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އަހަރެންނަށް އެބައޮތް." ގަޒިޑިސް ބުންޏެވެ.
އީވާން ގަޒިޑިސް އިތުރަށް ބުނީ ރޮބިން ވެންޕާސީ އާއި ފެބްރިގާޒް ފަދަ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންތައް ޓީމު ދޫކޮށްފައި ދިޔަޔަސް ވެންގާ ވަނީ އެކުޅުންތެރިން ނެތްތަން ފޫބައްދަން މޮޅު ކުޅުންތެރިންތަކެއް ޓީމަށް ގެނެސްދީފައި ކަމަށެވެ. މިގޮތުން އާސެނަލް އިން ވަނީ ރެކޯޑް ފީ އަކަށް ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލްގެ އިތުރުން ބާސެލޯނާ އިން އެލެކްސިސް ސަންޗެޒް ގެ ސޮއި ވެސް އަތުލާފައެވެ.
ނުވަ އަހަރު ތައްޓެއް ކާމިޔާބު ނުކުރެވި އާސެނަލްގެ ސަޕޯޓަރުންތައް މާޔޫސްވެފައި ވަނިކޮށް އެންމެ ފަހުން އާސެން ވެންގާ ވަނީ މިދިޔަ ސީޒަންގައި އާސެނަލް އަށް އެފްއޭކަޕް ކާމިޔާބުކޮށްދީ ޓީމަށް އާ ދިރުމެއް ގެނުވައިދީފައެވެ. މީގެ އިތުރުން އާ ސީޒަންގެ ޗެރިޓީ ޝީލްޑް މެޗުގައި ސިޓީގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދައި ލީގުގައި މިފަހަރު ރަނގަޅު ހިސާބަކަށް ދެވޭނެ ފެންވަރު އެޓީމުގައި ހުރިކަން ދައްކާދީފައެވެ.
އާސެން ވެންގާގެ ދަށުން އާސެނަލް ވަނީ 2003-04 ގެ ސީޒަންގައި މެޗަކުން ބަލިނުވެ 49 މެޗު ހަމަކޮށްފައެވެ. މިއީ އިނގިރޭސިވިލާތުގައި އަދިވެސް ރެކޯޑެކެވެ.
ދާދި ފަހުން އާސެނަލްގައި މަސަތްކަތް ކުރާތާ 18 އަހަރު ފުރުން ފާހަގަކުރި ފްރާންސްގެ މެނޭޖަރު ވަނީ އެ ކްލްބަށް އަދިވެސް ޚިދުމަތްކުރަން ނިންމައި އިތުރު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.