15 Oct 2014, 13:15
މޫސުމަށް އަންނަ ބަދަލު ތަކާއި އަތްވަށް ހޭނެން އެބަޖެހޭ ކަމަށް އިންޑިއަން ސުޕަ ލީގުގައި އިންޑިއާގެ ގޯއާ އެފްސީ އަށް ކޯޗުކަން ކުރަމުން ގެންދާ ބްރެޒިލްގެ ލެޖެންޑް ޒިކޯ ބުނެފި އެވެ.
ސުޕަ ލީގުގައި ބުދަދުވަހު ޗެންނާއީ ވާދަކުރާ މެޗަށްވުރެ ކުރިން އޮތް ޕްރީމެޗް ކޮންފެރެންސްގައި ވާހަކަދައްކަމުން ޒިކޯ ބުނީ ގޯއާ އަކީ ހޫނު ތަނެއް ކަމަށާއި ގިނަފަހަރު ބޮޑު އުނދަގޫ ތައް ދިމާވާނެ ކަމަށާއި އެ ހުރިހާ ކަމަކާ ކުރިމަތިލުމަކީ ކުޅުންތެރިންގެ ޒިންމާއެއް ކަމަށެވެ.
" ގޯއާ އާއި ބްރެޒިލް ގައި އޮންނަނީ ގާތްގަނޑަކަށް އެއްކަހަލަ މޫސުމެއް. މިއީ އާދައިގެ މިންވަރަށްވުރެ ހޫނު ތަނެއް. އެކަމަކުވެސް އެ ހުރިހާ ކަމަކާ ކުރިމަތިލުމަކީ ކުޅުންތެރިންގެ ޒިންމާއެއް. އަހަރެން ވަރަށް ހިތްހަމަޖެހިފައި މިހިރީ ކުޅުންތެރިންގެ ފަރާތުން މިފެންނަ ކަންތައްތަކާ. އުއްމީދު ކުރަނީ ކުރިއަށް އޮތް ތާނގައި ކުޅުންތެރިން މިތާނގެ މޫސުމަށާއި ހުރިހާ އުނދަގޫތަކަކަށް ހޭނި އެމީހުންގެ ފަރާތުން މޮޅު ފުޓްބޯޅައެއް ފެންނާނެ ކަމަށް." ޒިކޯ ބުންޏެވެ.
ޗެންނާއީ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން ޒިކޯ ބުނީ ފަރިތަކުރުންތައް ދަނީ ހިތްހަމަޖެހޭ ގޮތަށް ކަމަށާއި މެޗުން ރަނގަޅު ނަތީޖާއެއް ހޯދޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.
" ފަރިތަކުރުންތައް މިދަނީ ވަރަށް ރަނގަޅަށް. ޓީމުގައި އަނިޔާގެ މާބޮޑު މައްލައެއް ނެތް. ސްކޮޑްގަ ތިބި 27 ކުޅުންތެރިންގެ ތެރެއިން 25 ކުޅުންތެރިން ތިބީ މެޗު ކުޅެވޭނެ ފަދަ ފެންވަރެއްގައި. އަނެއްކާ އަހަރެމެން ކުޅުނު ހުރިހާ ފްރެންޑްލީ ތަކުން ވެސް މޮޅުވީ. ޗެންނާއީ މެޗުން ރަނގަޅު ނަތިޖާ އެއް ހޯދޭނެ ކަމުގެ ޔަގީން ކަން އެބައޮތް. އަހަރެން ބުނާނީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ކުޅޭހިތުން ކުޅޭނަމަ އޭގެ ނަތީޖާ ވަރަށްވެސް ފޮނިވާނެ އޭ. " ވައިޓް ޕެލޭގެ ނަމުން މަޝްހޫރުވެފައިވާ ޒިކޯ ބުންޏެވެ.
އިންޑިއަން ސުޕަ ލީގުގައި ގޯއާ އެފްސީ އާއި ޗެންނާއީ ވާދަކުރާ މެޗު ކުޅޭނީ ބުދަ ދުވަހުގެ ރޭއެވެ.