15 Oct 2014, 13:14
ރާއްޖޭގެ ސިޔާސީ އިދިކޮޅު ޕާޓީ އަށް ސުލްހަވެރިކަމާ އެކު ސިޔާސީ ޕާޓީގެ ހަރަކާތްތައް ހިންގުމުގެ މާހައުލު ގާއިމުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަށާއި ހޯމް މިނިސްޓަރު އުމަރު ނަސީރަށް އެމްޑީޕީ އިން ގޮވާލައިފި އެވެ.
އައްޑު އާއި ފުވައްމުލަކަށް އެމްޑީޕީން ކުރި ދަތުރާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އެ ޕާޓީން އައްޑޫގައި ބޭއްވި ޖަލްސާ އަށް އެތައް ބަޔަކު އެއްވެ ތިއްބައި ވިއްސަކަށް ސާޅިހަކަށް ޒުވާނުން ތަޅާފޮޅަން އައި ކަމަށާއި އެފަދަ ތަޅާފޮޅުންތަކުން ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އެވަގުތު ހަމަނުޖެހުމަކަށް ނުގޮސް ޖަލްސާގެ ތެރެއަށް ވަތް ޒުވާނުން ހިފެހެއްޓިގެން ދިޔައީ އެވަގުތު އެ ތަނުގައި ތިބި މަދު އަދަދެއްގެ ފުލުހުންގެ އިހުލާސްތެރިކަމުންނާއި އެމްޑީޕީގެ މެމްބަރުންގެ އެހީތެރިކަމާ އެކު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހަމަލާއަކީ އެ ދަތުރުގެ ކުރިން ވެސް އެތަކެއް އިންޒާރުތަކެއް ދިނުމަށް ފަހު ދިން ހަމަލާއެއް ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެ ހަމަލާ އައުމުގެ ކުރިން އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.
"އެންމެ ކަންބޮޑު ވަނީ ފުލުހުން ޖަލްސާ ފެށުމުގެ ކުރިން ވެސް ވަޑައިގެން ތިއްބަވަނިކޮށް ސްޓޭޖާއި އަޅުގަނޑުމެންގެ އެންމެ ކުރީ ގޮނޑިބަރިއާ ދޭތެރެއަށް މިހެން އަންނަ މީހުންނަށް ވަދެވޭތީ. ދެން އަޅުގަނޑުމެންނަކަށް ނޭނގޭ ސަލާމަތާއި ރައްކާތެރިކަން ހޯދަން ދެން ކުރަންޖެހެނީ ކޮން ކަމެއް ކަމެއް،" އޭނާ އެވެ.
އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްްޔޫމާއި ޕީޕީއެމް އިން އެ ހަމަލާ ކުށްވެރިކުރީތީ އުފާކުރައްވާ ކަމަށާއި ނަމަވެސް ޕީޕީއެމް އިން އެކަން ކުށްވެރި ކުރިތާ މާގިނަ އިރެއްނުވެ ހެކި ނެތް ކަމަށް ބުނެ ހައްޔަރު ކުރި މީހުން ދުކޮށްލުމުން ކަންބޮޑުވާ ކަމަށެވެ.
"އެހެން ނަމަވެސް އެބޭފުޅުން ކުށްވެރިކުރުމަކީ ނޫސްބަޔާން ނެރުމާއެއްކޮށް ހައްޔަރުކުރި އެންމެން ދޫކުރާ ކަމަށް ވަންޏާ އަޅުގަނޑުމެން އެދެން ކުރިއަށް އޮތްތަނުގައި އެފަދަ ނޫސްބަޔާން ނުނެރުއްވަން،" އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އެފަދަ ހުރިހާ ކަމެއްގެ ފަހަތުގައި ތިން ވަނަ ފަރާތެއްވާ އިރު، ސަރުކާރަށް ވުރެ ތިންވަނަ ފަރާތް ވަރުގަދަ ކަމަށް ފެންނަ ކަމަށެވެ. އަދި ތިން ވަނަ ފަރާތަކީ ކޮންބައިކަން ސަރުކާރަށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޑިފެންސް މިނިސްޓްރީގެ ވެބްސައިޓް ހެކްކުރީ އެފަރާތުން. އައިޖީއެމްއެޗު ހޮސްޕިޓަލުގެ ވެބްސައިޓު ހެކްކުރީ އެފަރާތުން ކަމަށް އަޅުގަނޑުމެން މިދެކެނީ. އަދި ސަރުކާރަށް ފާޅުގައި އެއްޗެއް ވިދާޅުވާން ނުކެރެނީ ވެސް އެފަރާތަށް ކަމަށް އަޅުގަނޑު މިދެކެނީ." އަލީ ވަހީދު ވިދާޅުވި އެވެ.