15 Oct 2014, 13:03
ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި ރޭ ހޮންކޮންގް އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ މޮޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ބެއިޖިންގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗެއްގައި ވާދަވެރި ބްރެޒިލް އަތުން ބަލިވުމަށްފަހު އާ ކޯޗު މާޓިނެޒްގެ ޓީމް އިން މި މެޗާ ކުރިމަތިލީ ޓީމުގެ ފުރަތަމަ އެގާރަ މުޅިންހެން ބަދަލުކުރުމަށް ފަހުއެވެ. އާޖެންޓީނާގެ ފުރަތަމަ އެގާރާގައި މުހިއްމު ގިނަ ކުޅުންތެރިން ތަކެއް ކުޅެފައި ނުވާއިރު ކޯޗު މާޓިނެޒް ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.
ހޮންކް ކޮންގެ ގައުމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އާޖެންޓީނާ އިން ޖެހި ފުރަތަމަ ގޯލް 19 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ސްޕެއިންގެ ސެވިއްޔާއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް އެވާ ބަނާގާއެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް 42 އަދި 44 ވަނަ މިނިޓުގައި ގޮންޒާލޯ ހިގައިން އަދި ނިކޯ ގައިޓަން ވަނީ ގޯލްތައް ކާމިޔާބުކޮށް އާޖެންޓީނާ އަށް ލީޑު ފުޅާ ކޮށްދީފައެވެ.
ދެވަނަ ހާފުގެ 54 ވަނަ މިނިޓުގައި އާޖެންޓީނާގެ ހަތަރު ވަނަ ގޯލް ކާމިޔާބުކޮށްދިނީ ހިގައިން އެވެ.

ކެޕްޓަން ލިއޮނެލް މެސީ 66 ވަނަ މިނިޓުގައި އާޖެންޓިނާއަށް ގޯލް ޖަހައިދިން އިރު 72 ވަނަ މިނިޓުގައި ގައިޓަން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް އެޓީމަށް ބޮޑު ލީޑެއް ހޯދައިދީފައެވެ.
މެޗުގައި އާޖެންޓީނާ އިން ޖެހި އެންމެ ފަހު ގޯލް 88 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މެސީ އެވެ. މެސީގެ ހުނަރުވެރިކަން ފެނިގެން ދިޔަ މި ގޯލަކީ ގައުމީ ޓީމް ޖާޒީގައި އޭނާ ކާމިޔާބުކޮށްދިން 44 ވަނަ ގޯލެވެ.
އާޖެންޓީނާ އިން ވަނީ ދެހާފުގައިވެސް ހޮންކް ކޮންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ކެޕްޓަން މެސީއާއި ހިގައިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ހޮންގް ކޮންގެ ކީޕަރެވެ.