15 Oct 2014, 12:55
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ރަންވޭ މައްޗަށް ތެޔޮ ލީކްވެގެން އަނެއްކާ ވެސް ރަންވޭ ބަންދުކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އެއާޕޯޓްގެ ރަންވޭ މައްޗަށް ތެޔޮ ލީކްވެފައި ވަނީ ސިންގަޕޫރް އެއާލައިންގެ ބޯޓަކުން ކަމަށެވެ. އަދި ރަންވޭ އަށް ތެޔޮ އެޅުމާ ގުޅިގެން ރަންވޭ ބަންދުކުރީ މިއަދު މެންދުރު 12:14ގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިންގަޕޫރު އެއާލައިންގެ ބޯޓަކުން ތެޔޮ ލީކްވެގެން ރަންވޭ ވަނީ ބަންދުކޮށްފައި. މިހާރު އަދި ދަނީ އިތުރަށް އެކަން ބަލަމުން،" އެ އޮފިޝަލް ވިދާޅުވި އެވެ.
ސިންގަޕޫރު އެއާލައިންގެ ބޯޓަކުން ރަންވޭ އަށް ތެޔޮ ލީކްވެގެން މިދިޔަ އާދިއްތަ ދުވަހު ވެސް ރަންވޭ ބަންދުކުރި އިރު ހަމަ ސިންގަޕޯ އެއާލައިންގެ ބޯޓަކުން ރަންވޭ މައްޗަށް ތެޔޮ ލީކުވެގެން މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ވެސް ވަނީ ރަންވޭ ދެ ގަޑިއެއްހާ އިރަށް ބަންދުކޮށްފަ އެވެ.