24 Jan 2011, 08:32
ޒަމާނީ މަސްވެރިކަން ކުރަން ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނަން ޖެހޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
މަސްވެރިކަމުގެ ދާއިރާއިންނާއި ދަނޑުވެރިކަމުގެ ދާއިރާއިން ކޮށްފައި ހުރި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މަސްވެރިކަމުގެ ޤާނޫނަށް ބަދަލު ގެނައުމަށް ޑްރާފްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަވަސް މުއްދަތެއްގެ ތެރޭގައި އެ ޑްރާފްޓް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްވެރިކަމުގެ ގާނޫނު މިހާރު އޮތް ގޮތުން ޒަމާނީ މަސްވެރިކަމެއްގެ ކުރަން ބައެއް ދަތިތަކާ ކުރިމަތިވޭ. ހާއްސަކޮށް ގާނޫނު އަސާސީއަށް ވެސް މިހާރު އޮތީ ބަދަލު އައިސްފަ. އަޅުގަނޑުމެން ހަދާ ގަވާއިދުތަކަށް ވެސް އެބަޖެހޭ ޤާނޫނީ ބާރު ލިބެން. މި ސަބަބުތަކަށް ޓަކައި މަސްވެރިކަމާބެހޭ ޤާނޫނު އިސްލާހު ކުރަން އެބަޖެހޭ." ޑރ. ހުސައިން ވިދާޅުވި އެވެ.
~
އޭނާ އަދި ވިދާޅުވީ މަސްވެރިކަމުގައި މިއަހަރު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ "އެކްއާކަލްޗާ" ނުވަތަ ފެނުގައި މަސް އުފައްދާ ނިޒާމުތައް ތައާރަފުކޮށް، ރާއްޖޭގެ ކަނޑުތަކުގައި މަސް އުފެއްދުން ކަމަށެވެ. އެ މަސައްކަތް ކުރުމަށް ވެސް މަސްވެރިކަމުގެ ޤާނޫނަށް އިސްލާހުތައް ގެންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް ފެނުގައި މަސް ގެންގުޅެ ބޮޑު ކޮށް އޭގެ ވިޔަފާރި ތަރައްގީ ކުރުން. މި މަސައްކަތް ކުރުމުގެ ގަވާއިދެއް އޮތުމުގެ ބަދަލުގައި ޤާނޫނަކުން ބާރު ލިބިގެން ކުރަން އަޅުގަނޑުމެންނަށް ފަސޭހަ ވާނެ،" ޑރ. ހުސައިން ވިދާޅުވި އެވެ.
މިޔަރުގެ މަސްވެރިކަމާއި ފާނައިގެ މަސްވެރިކަން ހުއްޓުވާނެ ގޮތުގެ މޭނޭޖްމަންޓް ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށްވެސް ޑރ. ހުސައިން ވިދާޅުވި އެވެ. މީގެ އިތުރުން މިޔަރުގެ މަސްވެރިކަން ހުއްޓައިލުމާ ގުޅިގެން ކުރިން މިޔަރުގެ މަސްވެރިކަން ކުރި ފަރާތްތައް ބޭނުންކުރި ވަސީލަތްތައް އެ މިނިސްޓްރީއަށް ގަންނަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފިޝަރީޒުން އިއްޔެ ވަނީ ބުނެފަ އެވެ.