މިހާރު ކުރިއަށްދާ އިންޑިއަން ސުޕަ ލީގުގައި ކުޅޭ އެންމެ ވަރުގަދަ ކްލަބަކީ ޗެންނާއީ އެފްސީ ކަމަށް އެޓީމަށް ކުޅެމުން އަންނަ އިޓަލީގެ ޑިފެންޑަރު މާކޯ މަޓެރާޒީ ބުނެފި އެވެ.

ކުރިން އިޓަލީގެ އިންޓަ މިލާނަށްވެސް ކުޅުނު ޑިފެންޑަރު ބުނީ ޗެންނާއީ އެފްސީގައި ތަފާތު ހުނަރުވެރި ކުޅުންތެރިން ތަކެއް އެބަ ތިބި ކަމަށާއި ލީގު ފެށުމުގެ ކުރިން ފަރިތަކުރަން ލިބުނު މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ފުރިހަމައަށް ޓީމު ބައްޓަން ވެފައިވާ ކަމަށެވެ.

" ސުޕަ ލީގުގައި އަހަރެންނަށް އެންމެ ވަރުގަދަ ކްލަބަކަށް ފެންނަން އޮތީ ޗެންނާއީ. އަހަރެމެންގެ ޓީމުގައި އެބަތިބި ސިލްވެސްޓްރޭ ފަދަ ޕްރޮފެޝަނަލް ކުޅުންތެރިންތައް. ލީގަށް ތައްޔާރުވާން އަހަރުމެންނަށް ލިބުނީ މަދު ދުވަސްކޮޅެއް. ނަމަވެސް އެ ދުވަސްތަކުގައި ޓީމު ވަރަށް ފުރިހަމައަށް ބައްޓަން ކުރެވިއްޖެ. ހީވަނީ ލީގުގައި ރަނގަޅު ނަތީޖާ ތަކެއް ނެރެވޭނެހެން،" މަޓެރާޒީ ބުންޏެވެ.

މަޓެރާޒީ އިތުރަށް ބުނީ މިވަގުތު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ މޫސުމުގެ އުނދަގޫ ކަމަށާއި ނަމަވެސް ދުވަސްކޮޅެއްފަހުން ހުރިހާ ކުޅުންތެރިންވެސް އިންޑިއާގެ ގަދަ ހޫނަށް ހޭނި އެމީހުންގެ އަސްލު ފެންވަރު ދެއްކޭނެ ކަމަށެވެ.

އެފްސީ ގޯއާ އާއި ދެކޮޅަށް ކުޅޭ މެޗާ ބެހޭގޮތުން ވާހަކަދައްކަމުން މަޓެރާޒީ ބުނީ މެޗަށް ތައްޔާރު ކަމަށާއި ތިން ޕޮއިންޓް ލިބޭނެ ކަަމަށް ޔަގީން ކުރާ ކަމަށެވެ. އަދި މެޗުގެ ފުރަތަމަ އެގާރައިން އޭނާ ނުފެންނާނެ ކަމަށާއި ނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި އޭނާގެ ފަރާތުން ޓީމަށް ރަނގަޅު ޚިދުމަތެއް ކޮށްދެވޭތޯ މަސަތްކަތް ކުރާނެ ކަމަށެވެ.

އުމުރުން މިހާރު 41 އަހަރު ވެފައިވާ މަޓެރާޒީ އަންނަނީ ޗެންނާއީ އެފްސީގައި ކުޅުންތެރިއެއްގެ އިތުރުން މެނޭޖަރެއްގެ ރޯލް ވެސް އަދާކުރަމުންނެވެ.