15 Oct 2014, 12:35
ދައުލަތަށް ފަސް ކާރު ގަތުމުގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯއްދަވައިދެއްވި ކަމުގެ ތުހުމަތުގައި ފިނޭންސް މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ހ. ރަންގަލި ސާމީ އަގީލް އާއި އެ މިނިސްޓްރީގެ ކުރީގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ހ. ސިޓްރެސް އަލީ އާރިފްގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަށް އެ ދެ ބޭފުޅުން އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ދައުވާ އިއްވުމާ އެކު ދައުވާ އަށް އިންކާރު ކުރެއްވުމަށް ފަހު ދެ ބޭފުޅުން ވެސް ވަނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.
އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ ދައުލަތަށް ފަސް ކާރުގަތުމަށް 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ސެންޓާއެންޓަޕްރައިޒަސްއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ގެނައި ކާރުތަކަކީ އެއްބަސްވުމުގައިވާ ސްޕެސިފިކޭޝަންތަކާ ދިމާވާކާރުތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެ ކާރުތަކަށް އަގު އަދާކުރުމުގެ ގޮތުން ސެންޓާ އެންޓަޕްރައިޒަސް އަށް ފައިސާދޫނުކުރުމަށް ފިނޭންސް މިނިސްޓްރީގެ ޕްރޮޕަޓީ ސެކްޝަނުން ނިންމިކަމަށާއި ނަމަވެސް އެ ނިންމުމާ ޚިލާފަށް އެ ދެ ބޭފުޅުން އެކުންފުންޏަށް ފައިސާ ދޫކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ގާޒީ މުހުތާޒު ފަހުމީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ވަކީލަކު ހަމަޖެއްސުމަށް ތިން ދުވަހުގެ ފުރުސަތު އެ ދެ ބޭފުޅުންނަށް ދެއްވުމަށްފަހު އެވެ.