އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ މަހިބަދޫ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-6 ލަނޑުން މޮޅުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ފުރަތަމަ ލަނޑު ޖަހައި ނިއުއިން މެޗުގެ ކުރި ހޯދީ ފުރަތަމަ ހާފުގެ 20 ވަނަ މިނިޓްގަ އެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ، ނިއުގެ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ކަރަމޯނާ މަހިބަދޫ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިންގެ އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށް ނިއުއަށް ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 33 ވަނަ މިނިޓްގައި ސެންޓޭ އެ ލަނޑު ކާމިޔާބު ކުރީ ނިއުއަށް ލިބުނު ހިލޭ ޖެހުމަކުންނެވެ.

ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ކުޑަ އިރުކޮޅެއްގެ ތެރޭގައި މަހިބަދޫ ޓީމުން ވަނީ، ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 47 ވަނަ މިނިޓްގައި މަހިބަދޫ ޓީމަށް ލަނޑު ޖަހައި ދިނީ ހުސައިން ނިޔާޒް (ބޮކުރީ) ކޯނަރަކުން ނިއުގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެން އަލީ ސާލިމް އެވެ.

ނަމަވެސް މަހިބަދޫ ޓީމުން ލަނޑު ޖެހިތާ މިނިޓެއްގެ ތެރޭގައި ނިއުއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 49 ވަނަ މިނިޓުގައި ނިއުއަށް އެ ލަނޑު ޖަހައިދިނީ ޑޭވިޑް އެވެ. ހަމަ އޭގެ މިނިޓެއް ފަހުން ސެންޓޭ ތަނަވަސްކޮށްދިން ފުރުސަތަކުން އަކްރަމް އަބްދުލް ޣަނީ (އަކޫ) ވަނީ ނިއުއަށް ގޯލެއް ކާމިޔާބު ކޮށްދީފައެވެ. އޭގެ ދެ މިނިޓްފަހުން އަކޫ ތަނަވަސްކޮށްދިން ފުރުސަތަކުން ޑޭވިޑް ވަނީ ނިއުގެ ފަސްވަނަ ވަނަ ލަނޑު ޖަހައި ތަފާތު ބޮޑުކޮށްފައެވެ.

ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ކުޅެމުން އައި ނިއުއިން އެ ޓީމުގެ ހަވަނަ ލަނޑު ކާމިޔާބުކުރީ 68 ވަނަ މިނިޓްގަ އެވެ. މަހިބަދޫ ގޯލް ކުރިމައްޗަށް މުޙައްމަދު އުމޭރު ނަގައިދިން ހުރަހެއް ގޯލް ތެރެއަށް ފޮނުވާލައިގެން ނިއުގެ ފަހު ލަނޑު ކާމިޔާބުކޮށް ދިނީ އޮއްޕޮ އެވެ.

ނިއުއިން ގިނަ ލަނޑުތަކެއް ޖެހި ނަމަވެސް މަހިބަދޫ އިން އިތުރަށް ހިތްވަރުކޮށް އެމީހުންގެ ކުޅުން ރަނގަޅު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 74 ވަނަ މިނިޓުގައި މުހައްމަދު ޖުނައިދު މަހިބަދޫގެ ދެވަނަ ލަޑު ކާމިޔާބުކޮށްދިނެވެ.

މަހިބަދޫ ޓީމުގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ނިއުގެ ކުރީގެ މިޑްފީލްޑަރު ބޮކުރީ އެވެ. ބޮކުރީ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ގޯލަށް އަމާޒުކޮށް މަހިބަދޫގެ މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފޮނުވާލި ބާރު ހަމަލާ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެ ބޯޅަ ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.

ސެމީ ފައިނަލްގައި ނިއު ވާދަކުރަން ޖެހޭނީ މި މުބާރާތުގެ ކުއާޓާ ފައިނަލްގައި މިރޭ 9:00ގައި ބީޖީއާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.