ރާއްޖެއަށް ސުނާމީ އެރިތާ 10 އަހަރު ފުރޭ ދުވަހު، މިއަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ސުނާމީގައި ގެދޮރު ގެއްލިފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގއ. އަތޮޅުގެ ހަތަރު ރަށުގައި އިމާރާތްކުރާ ގެތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވިމްލާ ކޮންސްޓަރަކްޝަނުން ބުނެފި އެވެ.

ގއ. ވިލިނގިއްޔާއި އެ އަތޮޅު މާމެންދޫ އާއި ނިލަންދޫގެ އިތުރުން ދާންދޫގައި 298 ގެ އެޅުމަށް ވިމްލާ ކޮންސްޓްރަކްޝަނާ ހަވާލު ކުރީ 2009 ވަނަ އަހަރު އެވެ.

ވިމްލާ ކޮންސްޓަރަކްޝަންގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެކުންފުނީގެ ޗެއާމަން އިބްރާހިމް ރަޝީދު ވިދާޅުވީ ގއ .އަތޮޅުގައި އިމާރާތްކުރާ ގެތަކުގެ މަސައްކަތް "ދިގުލައިގެން" ދިޔަ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދިމާވި މައްސަލަތައް ސަރުކާރުން ހައްލުކޮށްދީފައިވާ ކަމަށެވެ. އަދި ގެތައް އިމާރާތްތަކުރުމުގެ މަސައްކަތު 74 ޕަސެންޓް ނިމިފައިވާ ކަމަށާއި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އެދިވަޑައިގެންފައިވާ ގޮތަށް މިއަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަށް މަސައްކަތް ނިމޭނެ ކަމަށެވެ.

ސުނާމީ ކާރިސާގެ ސަބަބުން ވީރާނާވި ގެތަކުގެ ބަދަލުގައި ދާންދޫގައި އިމާރާތްކުރަމުންދާ ގެތަށް --- ފޮޓޯ: ދާންދޫ ކައުންސިލް

"މިހާރު ހުރި ހުރިހާ މައްސަލައެއް ހައްލުވެ، ޕްރޮޖެކްޓް ނިންމަން ރައީސް ޔާމިން ވައުދުވެވަޑައިގެންނެވި ތާރީހް ކަމަށްވާ ސުނާމީ ދުވަސް [ބައިނަލް އަގުވާމީ އެއްބައިވަންތަކަމުގެ ދުވަސް] ޑިސެމްބަރު 26 އަށް މަސައްކަތް ނިންމުމަށްޓަކައި މި ކުންފުނިން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރެވި މައިގަނޑު ހުރިހާ މެޓީރިއަލްވެސް މިހާރު ވަނީ ގެންދެވިފައި. އެހެންވީމަ ޕްރޮޖެކްޓް މި އެގޮތައް ނިމޭނެ ކަމާއިމެދު އެއްވެސް ޝައްކެތް ނެތް،" އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.

ބައެއް ގެތައް ގިނަ ދުވަސްވުމުން ހަލާކުވެފައިވާއިރު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ނުނިމި ގޮސްފައި ވަނީ ކީއްވެ ކަމެއް ތަފްސީލްކޮށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

"މި މަސައްކަތް އަޅުގަނޑުމެނާ ހަވާލުކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ކުރީކޮޅު. އެހެން ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި ޕްރޮޖެކްޓް މިހާތަނަށް ވެސް ދިގުލައިގެން ދިޔައީ. އޭގެ ތަފްސީލަކަށް ދެން މި ވަގުތު ދިއުމުގެ ބޭނުމެއް ނެތް،"

ގއ. އަތޮޅުގައި އަޅާ 298 ގެ ތެރެއިން އެ އަތޮޅު ވިލިނގިލީގައި 77 ގެއަޅާއިރު މާމެންދޫގައި އަޅަނީ 84 ގެ އެވެ. އަދި ނިލަދޫގައި 50 ގެ އަދި ދާންދޫގައި 87 ގެ އެޅުމަށް ވަނީ ހަމަ ޖެހިފަ އެވެ. ސައުދީ ފައުންޑުގެ އެހީގައި ގއ. ގައި އަޅާ ގެތަކުގެ މަސައްކަތް އިމްލާ ކޮންސްޓަރަކްޝަންއާ ހަވާލުކޮށްފައިވަނީ 220 މިލިއަން ރުފިޔާއަށް އަށެވެ. ޝަރީފް ވިދާޅުވީ ޕްރޮޖެކްޓް ދިގުލައިގެން ދިޔަ ނަމަވެސް މަސައްކަތުގެ އަގަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. ނަމަވެސް ގިނަ ދުވަސްތަކެއްވެގެން ލިބުން ގެއްލުންތަކަށް ސަރުކާރުން އިތުރަށް ފައިސާ ދީފައިވާ ކަމަށެވެ.