އިތުރު ވަގުތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ހަމައެކަނި ގޯލާއެކު ޕޯޗުގަލް އިން ޑެންމާކް ގެ މައްޗަށް 1-0 ން ކުރިހޯދައިފި އެވެ.

ޔޫރޯ ކޮލިފައިންގް ގައި ރޭ ޑެންމާކްގެ ޕާކެން ކޯޕަންހޭގަން ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ގޯލް ޕޯޗްގަލްގެ ކެޕްޓަން ރޮނާލްޑޯ ކާމިޔާބުކުރީ މެޗުގެ 95 ވަނަ މިނިޓުގައެވެ. މިއީ 29 އަހަރުގެ ފޯވަޑް މިސީޒަންގައި ކާމިޔާބުކުރި 18 ވަނަ ގޯލެވެ. އަދި ގައުމީ ޓީމަށް އޭނާ ޖެހި 51 ވަނަ ގޯލްކަންވެސް ފާހަގަކޮށްލެވެ އެވެ.

މެޗުގައި ދެ ޓީމަށްވެސް ގޯލް ޖަހާނެ މާގިނަ ފުރުސަތު ތަކެއް ލިބިފައި ނުވެއެވެ. ފުރަތަމަ ހާފުގައި ޑެންމާކްގެ ފޯވަޑް މައިކަލް ކްރޯންޑެލީ ފޮނުވާލި ނުރައްކާތެރި ހަމަލާ، ގޯލްގެ ދަނޑިއާ އަމާޒުވިއިރު ދެވަނަ ހާފުގައި ރޮނާލްޑޯ ވަނީ ޑެންމާކުގެ ގޯލަށް ދެތިން ހަމަލާއެއް ފޮނުވާލާފައެވެ.


މެޗައްފަހު ވާހަކަދައްކަމުން ޕޯޗުގަލްގެ ކޯޗު ފަރްނާންޑޯ ސަންޓޯސް ބުނީ މެޗުން މޮޅުވުމުން ހިތްހަމަޖެހޭ ކަމަށާއި ޑެންމާކް ބަލިވިޔަސް އެޓީމަކީ ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ޑެންމާކުން މެޗަށް ނުކުތީ އެމީހުންގެ ފޯމޭޝަނާއި ޓެކްޓިކްސް ބަދަލުކޮށްގެން ކަމަށާއި މުހިއްމު މެޗަކުން ކުރި ލިބުމުން ކޮލިފައިންގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެން ހިގައްޖެ ކަމަށެވެ.

މިއީ ވޯލްޑް ކަޕަށްފަހު ޓީމާ ހަވާލުވި ސަންޓޯސްގެ އިރުޝާދުގެ ދަށުން ޕޯޗުގަލް މޮޅުވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެއެވެ.

ކޮލިފައިންގައި މޮޅުވި ފުރަތަމަ މެޗާއެކު ޕޯޗުގަލް މިހާރު އޮތީ ތިން ޕޮއިންޓާ ހޯދައިގެން ގްރޫޕް އައިގެ ތިންވަނައިގައެވެ. މެޗުން ބަލިވި ޑެންމާކް ޕޯޗުގަލް އަށްވުރެ އެއް މެޗު އިތުރަށް ކުޅެގެން ހަތަރު ޕޮއިންޓާއި އެކު ދެވަނައިގައި އޮތް އިރު ގްރޫޕްގެ އެންމެ ކުރީގައި އޮތީ ހަތަރު ޕޮއިންޓާއެކު އަލްބޭނިއާ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި ޕޯޗުގަލް ބަލިކުރި އަލްބެނިއާ އަށް ގްރޫޕްގެ އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ.