ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ އެކްސެލް އެނާޖީ ޑްރިންކް އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) ކުޅުނު ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގައި ކުޅުނު މެޗުން ދިވެހި ސިފައިންގެ ކްލަބް މޮޅުވީ ދިރާގާ ވާދަކޮށް 26-25 ގެ ނަތީޖާ އަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ދިވެހި ސިފައިންގެ ކްލަބުގެ ކޯޗު އަދި ކުޅުންތެރިއާ ޝިމާނާ އަހުމަދު އެވެ.

މި މުބާރާތުގައި ދިވެހި ސިފައިންގެ ކްލަބް ދެން ބައްދަލުކުރާނީ ބީއެމްއެލް އާއި އެވެ. އެ މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު އެވެ.

މިގްރޫޕުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ ޓީމުން ވަނީ އެޓާނީ ޖެނެރަލް އާއި ވާދަކޮށް 34-13 ޕޮއިންޓުގެ ނަތީޖާ އަކުން ފަސޭހަކަމާއި އެކު ކުރިހޯދާފައެވެ. ފިޝަރީޒް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއާ އަށް ހޮވިފައިވަނީ އެޓީމުގެ އައިޝަތު އިފާގާ އެވެ.

ދެގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގައި ގްރޫޕް ބީގައި ހިމެނޭ ޓީމުތަކަކީ އެޓާނީ ޖެނެރަލްގެ އޮފީހާއި ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި މިނިސްޓްރީ އޮފް ފިނޭންސް އާއި ކަސްޓަމްސްގެ އިތުރުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އެވެ.