އިސްރާފު ކުޑަކޮށް، ހަކަތަ ބޭނުންކުރުމުގައި އިގުތިސާދު ކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރް އަބުދުﷲ މަޖީދު އިލްތިމާސް ކުރައްވައިފި އެވެ.

ދަތުރުފަތުރުގެ ދާއިރާގައި ކާބަން ބޭނުންކުރާ މިންވަރު ދަށް ކުރުމާ ބެހޭ ގޮތުން ސްޓްރެޓެޖީތައް ކަނޑައެޅުމަށް ބާއްވާ މަސައްކަތު ބައްދަލުވުމެއް ފައްޓަވައި ދެއްވުމުގެ ގޮތުން މިއަދު ސްޓެލްކޯގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖީދު ވިދާޅުވީ ހަކަތަ ބޭނުންކުރުމުގައި އިގުތިސާދު ކުރުމަކީ ދިރިއުޅުމުގެ ބައެއް ކަމަށް ހަދަން ޖެހޭ ކަމަށެވެ.

"... އަޅުގަނޑުމެންގެ އާދަކާދަތަކަކީ ވީވަރަކުން ތިމާވެށްޓާ ރަށްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުން ހިފުމުގެ މައްޗަށް އިސްކަން ދެވޭ އާދަކާދަތަކަށް ހެދުން މުހިއްމު ކަން ދަންނަވާލަން. އިސްރާފު ކުޑަކުރުމާއި ހަކަތަ އިގުތިސާދުކުރުމަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބައެއް ކަމުގައި ހެދޭތޯ އެންމެ ބޭފުޅުންނަށް އިލްތިމާސް ކުރަން،" މަޖީދު ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގެ ބޭނުމަކީ ރާއްޖޭގައި ދަތުރުފަތުރުގެ ދާއިރާގައި ކާބަން މަދުކުރުމަށް ޓަކައި ކޮންސަލްޓެންޓެއްގެ އެހީގައި އެންވަޔަރްމެންޓް މިނިސްޓްރީން އެކަށައަޅާފައިވާ ބައެއް ސްޓްރެޓެޖީތައް ކަމާ ބެހޭ ދާއިރާތަކު ބޭފުޅުންނާ ހިއްސާކޮށް ފައިނަލް ކުރުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެކަމުގައި ޖަރުމަނުގެ ބައިނަލްއަގުވާމީ އެހީ ދޭ އެޖެންސީ ޖީއައިޒެޑް އެހީތެރިކަން ލިބެމުން އަންނަ ކަމަށް ވެސް ބުންޏެވެ.