ހދ. ކުޅުދުއްފުށީގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ އަންހެނުންގެ ތެރެއިން އެކެއްގެ ފަޔާއި އަތް ބިނދިފައިވާ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަން މިއަދު ސަން އަށް ވިދާޅުވީ ރޭ ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި 20 އަހަރުގެ ފިރިހެން މީހާ އަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ އެކްސިޑެންޓްގައި އެންމެ ބޮޑަށް އަނިޔާވި 57 އަހަރުގެ މީހާގެ ވައަތު ފައިގެ ކަށިމަތިން ބިނދިފައިވާ އިރު އޭނާގެ ވައަތުގެ އަތް ވެސް ކުޑަ ހުޅާ ހަމައިން ބިނދިފައިވާ ކަމަށެވެ. އެހެން ކަމުން އޭނާ މިއަދުގެ ވަގުތެއްގައި މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތަނުން އެއް އަންހެން މީހާގެ ހާލު ތަންކޮޅެއް ސީރިއަސް، އޭނާގެ ވާތު ފައިގެ ކަށިމަތިން ބިނދި އަތުގެ ކުޑަ ހުޅުގައި ވަނީ ފްރެކްޗާއެއް [ރެނދުލާފައި]ލާފައި،" ހަސަން ވިދާޅުވި އެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި 52 އަހަރުގެ އަންހެން މީހާގެ ހަށިގަނޑުގެ އެކިތަންތަނުން މަށައިގެން ގޮސް، ބޮލަށް ވެސް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައި ވާތީ އޭނާ އަށް ވެސް ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

އެ އެކްސިޑެންޓް ހިނގީ ކުޅުދުއްފުށީ ހިއްކި ސަރަހައްދުން ހިނގާފައި ދިޔަ އެ ދެ އަންހެނުންގެ ގައިގައި އެ ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.