ގާހިރާ (އޮކްޓޯބަރ 15) : މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް ޔުނިވަރސިޓީތަކުގެ ދަރިވަރުން ކުރިޔަށްގެންދާ އިހްތިޖާޖްތަކާއި މުޒާހަރާތަކާ ގުޅިގެން މިސްރުގެ ސަލާމަތީ ބާރުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނާ ދެމެދު އިއްޔެ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި އެތައް ބަޔަކަށް އަނިޔާވެއްޖެ އެވެ.

ސީސީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް އިޙްތިޖާޖްތައް އެންމެ ފުޅާދާއިރާއެއްގައި ކުރިޔަށްދާ ޔުނިވަރސިޓީތަކުގެ ތެރޭގައި އިސްކަންދަރިއްޔާ ޔުނިވަރސިޓީއާއި ސާދާތު ޔުނިވަރސިޓީއާއި އަސްޔޫތު ޔުނިވަރސިޓީ ހިމެނެ އެވެ. މީގެތެރެއިން އަސްޔޫތު ޔުނިވަރސިޓީގެ ދަރިވަރުން އިއްޔެ ކުރި މުޒާހަރާތައް ހުއްޓުވުމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ލަޓިބުރިއާއި ކަރުނަގޭސް ބޭނުންކޮށް ތިން ދަރިވަރުން ހައްޔަރުކޮށްފައިވާ ކަމަށް އަލްޖަޒީރާ ޚަބަރު ދެ އެވެ. ސީސީގެ ސަރުކާރުންވަނީ އެސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ ދަރިވަރުން ޔުނިވަރސިޓީތަކުން ވަކިކޮށް އެކުދިންގެ މައްޗަށް ޝަރީޢަތް ހިންގާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ ސީސީގެ ސަރުކާރުގެ މިއިންޒާރާމެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް މިސްރުގެ އާންމުން ކުރަމުން ގެންދާ މުޒާހަރާތައް ވެސް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. (ރޮއިޓާސް)