އަންކަރާ : އިސްރާއީލުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެފައިވާ ޣައްޒާގެ ރައްޔިތުންނަށް އިންސާނީއެހީ ހިފައިގެން މިދިޔަ މޭމަހު ޣައްޒާއަށްދާން މަސައްކަތްކުރި "މިނިވަން" ފްލީޓްގައިތިބި ތުރުކީގެ ސުލްޙައިގެ އެކްޓިވިސްޓުންނާ ދެކޮޅަށް އިސްރާއީލުން ހިންގި ޤަތުލު އާންމަކީ ޖަރީމާއެއް ނޫންކަމަށް މިމައްސަލަ ބެލި އިސްރާއީލުގެ ކޮމިޓީން ނިންމުމުން ތުރުކީން ރުޅިވެރިކަމާއެކު އެކަމަށް ރައްދުދީފި އެވެ.

ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވީ މިމައްސަލަބެލި އިސްރާއީލުގެ ކޮމިޓީއަކީ ވަކިފަރާތަކަށް ޖެހިފައިވާ އިންސާފެއްނެތް ކޮމިޓީއެއް ކަމަށާއި އިސްރާއީލުފަދަ ޤައުމެއްގެ ސަރުކާރުން އެކުލަވާލާފައިވާ ކޮމިޓީއަކުން ނެރޭ ރިޕޯޓަކީ ތުރުކީގެ ކުރިމަތީގައި ބުރަދަންހުރި އެއްޗެއް ނޫންކަމަށެވެ.

އުރުދުޣާން ވިދާޅުވީ މިމައްސަލަ ބަލައި ތަޙްޤީގުކުރި އދ. ގެ ކޮމިޓީގެ ރިޕޯޓުގައި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވެފައިވާމިންވަރު ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވާ ކަމުގައެވެ. އަދި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރި ހަތިޔާރުނެތް ސުލްޙައިގެ އެކްޓިވިސްޓުން ތަކެއްގެ ގަޔަށް ބަޑިޖަހައި އޭގެތެރެއިން ނުވަ މީހަކު މަރާލުމަކީ އިސްރާއީލު ސިފައިން ހިންގި ޖަރީމާއެއް ކަމަށް އެކޮމިޓިން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިޖަރީމާގެ ފަހަތުގައިވާ އިސްރާއީލުގެ މަސްއޫލުވެރިން ބައިނަލްއަގުވާމީ ޢަދާލަތަށް ޙާޒިރުކުރެވިދާނެކަމަށް އދ. ގެ ރިޕޯޓްގައި އިޝާރާތް ކޮށްފައިވުމުން އިސްރާއީލަކީ ކުށްވެރި ގައމެއްކަން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ހާމަވެގެން ގޮސްފައިވާ ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލުގެ ޙިސާރުގެ ސަބަބުން އިންސާނީ މުސީބާތެއް ކުރިމަތިވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ބޭހާއި ކާބޯތަކެއްޗާ އަދި އަންނައުނުފަދަ އިންސާނީ އެހީގެ ތަކެތި ހިފައިގެން ކަނޑު މަގުން ޣައްޒާއަށް ދާން މަސައްކަތްކުރި ޔޫރަޕްގެ މިނިވަން ފްލީޓް ބައިނަލްއަޤްވާމީ ކަނޑުގައި ހުއްޓާ އިސްރާއީލުގެ ކަނޑުގެ ސިފައިން އެއަށް ޙަމަލާދީ އޭގައިތިބި ސުލްހައިގެ އެކްޓިވިސްޓުންގެ ނުވަ މީހުން މަރާލުމުން މުޅިދުނިޔެ ސިހިގެން ދިޔައެވެ.

އިންސާނީ ހަޢްޤުތަކަށް ގޮވާލެވޭ މިފަދަ ދުވަސްވަރެއްގައި އިސްރާއީލު ނޫން ޤައުމަކުން މިބާވަތުގެ އަނިޔާވެރި ޢަމަލެއް ހިންގިނަމަ ޔޫރަޕާއި އެމެރިކާ ގުޅިގެން އެޤައުމަކާ ދެކޮޅަށް އދ. މެދުވެރިކޮށްގެންނާއި އދ. ން ބޭރުގައި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅީސް ކަމަށް ތުރުކީ ބުނެއެވެ. ނަމަވެސް މިއީ އިސްރާއީލުން ހިންގި ޖަރީމާއަކަށްވާތީ އެމެރިކާވަނީ މިކަން ކުށްވެރިކުރުމުގެ ބަދަލުގައި އިސްރާއީލުގެ ދިފާޢުގައި ވަކާލާތުކޮށް އިސްރާއީލުގެ ޙިމާޔަތް ކުރުމަށް މަސައްކަތް ކޮށްފައެވެ.

މިނިވަން ފްލީޓަށް އިސްރާއީލުން ޙަމަލާދިން މައްސަލަބެލި އިސްރާއީލުގެ ކޮމިޓީން ނެރުނު ރިޕޯޓްގައި އިސްރާއީލުން މިފްލީޓަށް ހަމަލާދީ ސުލްޙައިގެ އެކްޓިވިސްޓުންގެތެރެއިން ނުވަ މީހުން މަރާލި ޖަރީމާއަކީ ބައިނަލްއަޤްވާމީ ޤާނޫނާއެއްގޮތަށް އިސްރާއީލުން ހިންގި ޝަރުޢީ އަމަލެއް ކަމަށް ސިފަކޮށްފައިވެއެވެ. -- އަލްޖަޒީރާ