15 Oct 2014, 09:59
ޝާހުރުކްހާންގެ "ހެޕީ ނިއު އިޔާ" ރާއްޖޭގައި ޕްރިމިއާ ކުރުމުގެ ގޮތުން ކުލަ ގަދަ ރަސްމިއްޔާތެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
މިމަހުގެ 24ގައި "ސުވެކް ސިނަމާ"ގައި އެ ފިލްމް ރިލީޒް ކުރާ ޝޯގައި ހާއްސަ ގުރުއަތެއް ނެގުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން އެ ރޭގެ ޝޯވްގެ ފުރަތަމަ 50 ޓިކެޓް ގަންނަ ފަރާތުގެ މެދުގައި ގުރުއަތުން ނެގޭ 10 ފަރާތަކަށް ފިލްމުގެ މާޗަންޑައިޒް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރޭގަައި ފިލްމްގެ ޑީވީޑީ އާއި ފިލްމް ފޮޓޯ ޖަހާފައިވާ ޓީޝާޓް ހިމެނެ އެވެ.
ސުވެކް ސިނާމާ އާއި ޝާހުރުކްގެ އެންމެ ފޭނުން ގިނަ އެސްއާރުކޭ ޔުނިވާސް އިން އިންތިޒާމްކޮށްގެން "ހެޕީ ނިއު އިޔާ" ޕްރިމިއާ ކުރާ ރޭ ފިލްމްގެ ތީމާ ގުޅޭ ގޮތަށް ހެދުން އަޅައިގެން އެތަނުގެ ސްޓާފުން ހަރަކާތެރިވާ އިރު އެ ރޭ ޝޯ ބަލަން ވަންނަ ފަރާތްތަކަށް ފްރީ ކޯކާއި ފޮޕްކޯން ބެހުމަށް ވަނީ ހަމަޖައްސައިފަ އެވެ.

ސުވެކް ސިނަމާގައި އެ ފިލްމް ޕްރިމިއާ ކުރާ ރޭ ޓިކެޓް ވިއްކާ އަގު އަދި ހަމަޖެހިފައި ނެތް ނަމަވެސް އެ ފިލްމްގެ އެހެން ޝޯ ތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 100 ރުފިޔާ އަށް ކަަމަށާއި އަންނަ ހަފްތާއިން ފެށިގެން ޓިކެޓް ވިއްކަން ފަށާނެ ކަަމަށް ވެސް ސުވެކް ސިނަމާ އިން ބުންޏެވެ.
އެސްއާރުކޭ ޔުނިވާސަލް ފޭން ކްލަބަކީ މިވަގުތު ޝާހުގެ އެންމެ ގިނަ ފޭނުން ހަރަކާތެރިވަމުން އަންނަ އެއް ކްލަބަވެ. ހުދު ޝާހު ވެސް ވަނީ އެކަން ބަލައިގަނެ ބޭރުގެ މީޑިއާތައް ކުރިމަތީގައި އެކަން ހާމަކޮށްފަ އެވެ.
https://www.youtube.com/watch?v=Gg7jRk0I2xQ&feature=youtu.be
އެ ކްލަބްގެ ވެރިޔަކީ މުހައްމަދު ނަަމަކަށް ކިޔާ ދިވެއްސެކެވެ. އޭނާ ބުނި ގޮތުގައި މި ފިލްމްގެ ޕްރޮމޯޝަން މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގަދައަށް ޖައްސަމުން އަންނަ އިރު ފިލްމް ޕްރެމިއާކުރުމުގެ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށް ހަމަޖައްސާފައި ވަނީ ވަރަށް ވެސް ކުލަ ގަދަ ކޮށެވެ.
އެސްއާރުކޭ ޔުނިވާސްގެ އެފްބީ ގްރޫޕަށް މިހާތަނަށް 1.7 މިލިއަން ލައިކްސް ލިބިފައިވާ އިރު ޓުވިޓާއަށް 256،000 މީހުން ދަނީ ފޮލޯ ކުރަމުންނެވެ.
ޝާހުރުކް ހާންގެ އެންމެ ގިނަ ފޭނުން ތިބި މި ކްލަބްއަކީ ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއްގެ ދަށުން ދިވެއްސަކު ހިންގަމުން އަންނަ ކްލަބެކެވެ.
މި ކްލަބްގެ 50 މެމްބަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން އަންނައިރު އެ އެންމެން ވެސް އަބަދުވެސް ތިބެނީ ޝާހުގެ ހަރަކާތްތައް ހަބަރުތަކާއި އިވެންޓްތައް ވަގުތުން ވަގުތަށް އަޕްޑޭކް ކުރުމުގައި އިންޓަނެޓްގެ ޖަރީއާއިން ގުޅިލައިމެހިފަ އެވެ.