15 Oct 2014, 09:29
ޓެލްއަވީވް (އޮކްޓޯބަރ 15) : އިސްރާއީލު ހިފާފައިވާ ހުޅަނގުއައްސޭރިއާއި ޣައްޒާގައި އިޢްލާން ކޮށްފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވުމަށާއި އެދައުލަތް ގަބޫލުކުރުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާ ގަރާރެއް އިނގިރޭސި ޕާލަމެންޓުން ފާސް ކުރުމަކީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ސުލްޙަ ގާއިމްކުރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށާއި އިނގިރޭސި ޕާލަމެންޓްގެ އެނިންމުމާ މެދު ހިތާމަކުރާ ކަމަށް އިސްރާއީލުން ބުނެފި އެވެ.
އިނގިރޭސި ޕާލަމެންޓްގެ ގަރާރަށް ރައްދުދިނުމުގެ ގޮތުން އިސްރާއީލުގެ ޚާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވާން ވާނީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ދެކެވޭ ސުލްޙައިގެ ވާހަކަތަކަށް ލިބެމުންދާ ކުރިއެރުންތަކާ ގުޅޭގޮތުން ކަމަށާއި މިއާޚިލާފަށް އެއްވެސް ގައުމަކުން ފަލަސްތީނުގެ ދައުލަތް ގަބޫލުކޮށް އެދައުލަތަށް އިޢްތިރާފްވާ ނަމަ ސުލްހައިގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމުގަ އެވެ. ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވުމަށް ގޮވާލައި އިނގިރޭސި ޕާލަމެންޓުން ފާސްކުރި ގަރާރަކީ އަވަސް އަރުވާލައިގެން ފާސްކުރި ގަރާރެއް ކަމަށާއި އެކަމާމެދު ހިތާމަކުރާ ކަމަށްވެސް އިސްރާއީލުގެ ޚާރިޖިއްޔާގެ ބަޔާން ބުނެ އެވެ.
އިސްރާއީލުން ނިގުޅައިގަނެފައިވާ ފަލަސްތީނުގެ ހައްގުތައް ހޯދުމަށާއި ގަދަބާރުން އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފޭބުމަށްއެދި އިސްރާއީލާ އެކު ފަލަސްތީނުން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކަށް 21 އަހަރު ވެފައިވާއިރު ވެސް މިވާހަކަތަކަށް އެއްވެސް ކުރިއެރުމެއް ލިބިފައެއްނުވެ އެވެ. ކުރިއެރުން ނުލިބެނީ އދ.ގެ ކަމާބެހޭ ގަރާރުތަކަށް އިސްރާއީލު ބޯނުލެނބުމާއި ފަލަސްތީނުގެ ބިންތަކުން ފޭބުމަށް އިސްރާއީލު ދެކޮޅު ހަދަމުން ދިޔުމުގެ ސަބަބުންނެވެ.
މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަކޮށް މީހުން މަރައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި ވެސް އިސްރާއީލު ވަނީ ހައްދުފަހަނަޅާ ގޮސްފަ އެވެ. ފަލަސްތީނުގެ ހައްގުތަކަށް ތާއީދުކޮށް އިނގިރޭސި ޕާލަމެންޓުން ފާސްކުރި ގަރާރު އިނގިރޭސި ސަރުކާރަށް ގޮވާލަނީ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގައި އިޢްލާން ކޮށްފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެ އެދައުލަތް ގަބޫލުކުރުމަށެވެ. ނަމަވެސް މިއީ މިއަށް އަމަލުކުރުން އިނގިރޭސި ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމްކުރާ ގަރާރެއް ނޫނެވެ. (އަލްޖަޒީރާ)