14 Oct 2014, 23:00
ހިނގާފައިދިޔަ ދެ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި ތިން މީހަކަށް އަނިޔާވެއްޖެ އެވެ. އެ ހާދިސާ ހިނގާފައި ވަނީ ހދ. ކުޅުދުއްފުށީ ހިއްކި ސަރަހައްދުގަ އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން "ސަން"އަށް ވިދާޅުވީ އެ ރަށުގައި އެކްސިޑެންޓެއް ހިނގާފައި ވަނީ މިރޭ 9:30 އެހާކަންހާއިރު ރަށުގެ ހިއްކި ސަރަހައްދުގައި ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނަކަށާއި 52 އަންހެނަކާއި 57 އަހަރުގެ އަންހެނަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު މިރޭ ވިދާޅުވީ ކުޅުދުއްފުށީގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން ދޮށީ އަންހެން މީހައަށް ސީރިއެސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ސައިކަލް ދުއްވި ފިރިހެން މީހާގެ ގައިގެ އެކިތަންތަނުން މަށައިގެންގޮސް ނޫފައިގެންފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ކުޅުދުއްފުށީ ހިއްކި ސަރަހައްދުން ހިނގާފައި ދިޔަ ދެ އަންހެނެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހިގެން ކަމަށެވެ.