އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް އިނގިރޭސި ސަރުކާރުން ބަލައިގަތުމަށް ތާއީދުކޮށް ފާސްކޮށްފައިވާތީ، ސަރުކާރާ އިދިކޮޅު އެމްޑީޕީން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނަކީ ދައުލަތެއް ކަމަށް ގަބޫލު ކުރުމަށް އިނގިރޭސިވިލާތުގެ ޕާރލަމެންޓުން ތާއީދުކޮށް ފާސްކުރި ކުރުމަކީ ފަލަސްތީނުގެ މިނިވަން ކަމަށް ގޮވާލާ އެ ގައުމުގެ ރައްޔިތުން ކުރަމުންދާ ވޭންހުރި ބޮޑު މަސައްކަތަށާއި އެ ގައުމުގެ ރައްޔިތުންގެ ހައްގަށްޓަކައި ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

"އެކަމަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އޮތުމަށް އަބަދުވެސް ތާޢީދުކުރާ ސިޔާސަތެއްގެ މައްޗަށް އެކުލެވިގެންވާ އެމް.ޑީ.ޕީ އާއި، އެންމެހައި ދިވެހި ރައްޔިތުންނާއި އަދި ދުނިޔޭގެ އެންމެހައި މުސްލިމުންނާއި މިނިވަންކަމަށް ތާޢީދުކުރާ އެންމެހައި ފަރާތްތަކަށް ލިބިގެންދިއަ ހިތްހަމަޖެހުމަކާއި އުފަލެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެ ގަރާރު ފާސްކުރުމަށް ހައުސް އޮފް ކޮމެންސްގެ މެންބަރުންގެ ތެރެއިން 274 މެންބަރުން ވޯޓު ދީފައިވާ އިރު އެ ގަރާރާ ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ 12 މެންބަރުންނެވެ. އިނގިރޭސި ޕާލަމެންޓްގެ މެންބަރުންގެ އަދަދަކީ 650 އެވެ. ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީގެ މެންބަރުން ވަނީ މިޖަލްސާ ބޮއިކަޓް ކުރައްވާފަ އެވެ.