14 Oct 2014, 19:58
ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ ވެރިކަމަށް އަހަރު ފުރޭ ދުވަސް، ނޮވެމްބަރު 17، 2014 ގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ސަރުކާރުން ނިންމައިފި އެވެ.
ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވީ ނޮވެމްބަރު 17 ވަނަ ދުވަހު ޒުވާނުންގެ ދުވަސް ފާހަގަ ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް އެ ދުވަހު ޒުވާނުންގެ ދުވަސް ފާހަގަ ކުރާ ސަބަބެއް މަލީހު ވިދާޅެއް ނުވެ އެވެ.
އޭނާ ވިދާޅުވީ ޒުވާނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރާނެ ކަމަށާއި ޒުވާނުންގެ ދުވަހުގެ ރަސްމިއްޔާތު ބާއްވާނީ ދަރުބާރުގޭގައި ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާ ނިންމަވާފައިވަނީ ނޮވެމްބަރ މަހުގެ 17 އަކީ ގައުމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި. އެގޮތުން މިނިސްޓްރީގެ ފަރާތުން މިއަހަރު ވެސް ވަނީ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ނިންމާފައި. އެގޮތުން އެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައި ވަނީ މާލޭގެ ދަރުބާރު ގޭގައި. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވެސް ބައިވެރި ވެވަޑައިގަންނަވާނެ،" ޒުވާނުންނާ ގުޅުންހުރި މަސައްކަތްތަކާއި ކުޅިވަރާ ބެހޭ ވުޒާރާ ހިންގަވާ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޒުވާނުންގެ ދުވަހު ޒުވާނުންގެ އެވޯޑާއި ޝަހީދު ޖަވާދު އުމަރުގެ ހަނދާނުގައި ސަރުކާރުން ދެމުންދާ ހަނދާނީ ފިލާ، އޭގެ ހައްގުވެރިންނަށް ހަވާލު ކުރާނެ އެވެ.
"މިދުވަސް ފާހަގަ ކުރުމުގެ ގޮތުން އަދި މިދުވަހާ ގުޅިގެން އަޅުގަނޑުމެން ދިވެހި ޒުވާނުންނަށް ހާއްސަ ކުރެވިގެންދޭ ޒުވާނުންގެ އެވޯޑާއި ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ އަދި އެހެންމެ ޒުވާނުންގެ ތަރައްގީއަށްޓަކައި ދެވޭ އިނާމު ހިމެނޭ،" މަލީހު ވިދާޅުވިއެވެ.
ގިނަ އިންތިހާބު ތަކަކާއި ގުޅިގެން މިދިޔަ އަހަރުގެ ޒުވާނުންގެ އެވޯޑު ނުދެވިފައި ވުމުން މިއަހަރުގެ އެވޯޑުގައި މިދިޔަ އަހަރު އިނާމު ހައްގުވާ ފަރާތްތަކަށް ވެސް އިނާމު ދެވޭނެ ކަމަށް މަލީހު ބުންޏެވެ.
ޒުވާނުންގެ ދުވަހުގައި ހާއްސަ ހަރަކާތެއް ބާއްވާނެ ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވި އެވެ. އެންމެންގެ ތެރޭގައި 'ސަސްޕެންސް' ބޭއްވުމުގެ ގޮތުން އެއީ ކޮން ހަރަކާތެއްކަން އެނގޭނީ ޒުވާނުންގެ ދުވަހު ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.