ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު، ރާމް ގޯޕާލް ވަރްމާ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ނަމަކަށް މަޝްހޫރު އެކްޓްރެސް ސްރީދޭވީގެ ނަން ބޭނުންކޮށްފައިވާތީ އެނަން ބަދަލުނުކޮށްފި ނަމަ ދައުވާ ކުރާން ސްރީދޭވީ ނިންމައިފި އެވެ.

މިމައްސަލަ ކުރިމަތިވެފައި މިވަނީ ރާމްގޯޕާލް ވަރްމާ އޭނާގެ އާ ފިލްމުގެ ނަން "ސަވިތްރީ" އިން "ސްރީދޭވީ" އަށް ބަދަލުކުރި ހިސާބުންނެވެ. މިކަމާ ގުޅިގެން ރާމްގޯޕާލް ވަރްމާ އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ. އަދި ސްރީދޭވީ ރާމްގޯޕާލް ވަރުމާއާ ބައްދުލުކުރުމަށް ކުރި މަސައްކަތް ވެސް ވަނީ ނާކާމިޔާބު ވެފަ އެވެ.

މި ފިލްމުގައި ސްރީދޭވީގެ ނަން ބޭނުންކުރުމުގެ ހުއްދަ އޭނާ ދީފައި ނުވާއިރު ސްރީދޭވީގެ ވަކީލުން ބުނި ގޮތުގައި މިކަމަކީ ސްރީދޭވީގެ އަމިއްލަ ހައްގުތަކަށް ކުރެވޭ ފުރައްސާރަ އެކެވެ. ސަބަބަކީ މި ފިލްމުގެ ބައިތަކަކީ އޭނާއަށް ބާރު ފޯރުވޭނޭ އެއްޗަކަށް ނުވާތީއެވެ.

ދަ ޓައިމްސް އޮފް އިންޑިޔާގައި ބުނެފައިވާ ގޮތުން ސްރީދޭވީ ހުށައަޅާފައިވާ ޝަރުތުތަށް ފުރިހަމަ ކުރުމަށް ތިން ދުވަހުގެ މުހުލަތެއް ރާމްގޯޕާލް ވަރުމާ އަށް މިހާރު ވަނީ ދީފައެވެ. ސްރީދޭވީ ހުށަހަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ރާމްގޯޕާލްގެ ފަރާތުން އެއްވެސް ޝަރުތަކާ ނުލައި މިކަމަށް މައާފަށް އެދުމާއި ފިލްމުގައި ބޭނުންކޮށްފައިވާ "ސްރީދޭވީ"ގެ ނަން ބަދަލުކުރުން ހިމެނެ އެވެ.