ލަންޑަން : ކުރިން ހީކުރެވިފައިވާ ވަރަށްވުރެ ދެގުނަ އިތުރަށް ދުނިޔޭގެ ބިމުގައި ޤުދްރަތީ ގޭސް އެބަހުރިކަމަށް ހަކަތައާބެހޭ ބައިނަލްއަޤްވާމީ އެޖެންސީން ބުނެފިއެވެ. ތަރައްޤީ ވެފައިވާ ޤައުމުތަކަށް ހަކަތައިގެ ރޮނގުން މަޝްވަރާދޭ މިއެޖެންސީގެ ތަޖްރިބާކާރެއް ކަމަށްވާ އޭން ސޯފީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ކުރެވިފައިވާ ގޭހާބެހޭ ސާވޭތަކަށް ބަލާއިރު މިހާރު ބޭނުންކުރާ މިންވަރަށް ޤުދްރަތީ ގޭހުގެ ބޭނުން ކުރިނަމަވެސް ކުރިޔަށްއޮތް 250 އަހަރަށް ބޭނުންވާ މިންވަރަށް ދުނިޔޭގެ ބިމުގައި ޤުދްރަތީ ގޭހުގެ ރިޒާވް އެބަހުއްޓެވެ.

މިހާތަނަށް ކުރެވިފައިވާ ސާވޭތައް ދައްކާގޮތުން ޤުދުރަތީ ގޭހުގެ ރިޒާވް ދުނިޔޭގައި އެންމެ ބޮޑީ ރަޝިޔާ، އީރާން އަދި ޤަތަރުގަ އެވެ. ނަމަވެސް މިހާރު ކުރެވެމުންދާ ސާވޭތަކާއި ކުރިމަގުގައި ކުރެވޭނެ ސާވޭތަކަށްބަލާއިރު މިހާރު ގޭސް ފެނިފައިނުވާ އެތަށް ސަރަޙައްދަކުން މުސްތަޤްބަލްގައި ގޭހުގެ ރިޒާވްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. "ޤުދްރަތީ ގޭހުގެ ވާހަކައަކީ ބޮޑު ވާހަކައެއް، މީގެ އަހަރުތަކެއް ކުރިން އެމެރިކާއަކީ އެހެން ޤައުމުތަކުން ގޭސް އިންޕޯޓްކުރަން ޖެހިފައިވާ ޤައުމެއް، ނަމަވެސް 2009 ވަނަ އަހަރު އެމެރިކާވަނީ ގޭސް އުފައްދާ ޤައުމަކަށް ބަދަލުވެފާ،" އޭން ސޯފީ ވިދާޅުވި އެވެ.

އެމެރިކާއިން ޤުދުރަތީ ގޭސް ނަގަނީ ވަރަށް މަތީފެންވަރުގެ ޓެކްނޮލޮޖީއެއް ބޭނުން ކޮށްގެންނެވެ. މިޓެކްނޮލޮޖީ ބިނާވެފައިވަނީ ބިމުގެ އަޑީގައި ކުދިކުދި ގޮއްވުންތައް ގޮއްވައިގެން ބިމުގެ އަޑީގެ އެކިތަންތަނުގައިވާ ގާތަކުގައާއި ގަލުގެ ފަށަލަތަކުގައި ފޮރުވިފައިވާ ގޭސްތައް ނެގުމުގެ މައްޗަށެވެ. މިއާ ޚިލާފަށް ރަޝިޔާ އާއި އީރާނާއި ޤަތަރުފަދަ ފަދަ ޤައުމުތަކުން ފެންނަމުންދަނީ ބިމުއަޑީގައިވާ ގޭހުގެ ބޮޑެތި ދަނޑުތަކެވެ. ނުވަތަ ގޭސް ވަޅުތަކެކެވެ.

އެމެރިކާ ގޮތަށް، ބިމުގެ އަޑީގައި ކުދިކުދި ގޮއްވުންތައް ގޮއްވައިގެން ބިމުގެ އަޑީގެ އެކިތަންތަނުގައިވާ ގާތަކާއި ގަލުގެ ފަށަލަތަކުގައި ފޮރުވިފައިވާ ގޭސްތައް ނެގުމުގެ ޓެކްނޮލޮޖީ ބޭނުންކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑޮނީޝިޔާ، އަދި އިންޑިޔާ ހިމެނެއެވެ. މިޤައުމުތަކުގައި ގޭސްވަޅުތައް ނުވަތަ ގޭސް ދަނޑުތައް ނެތްނަމަވެސް މިޤައުމުތަކުގެ ބިމުގެ އަޑީގެ އެކިތަންތަނުގައިވާ ގާތަކުގައާއި ގަލުގެ ފަށަލަތަކުގައި ފޮރުވިފައިވާ ގޭހުގެ މިންވަރު އެއްކޮށްލުމުން މިޤައުމުތަކުގެ ބިމުގައި ގޭހުގެ ބޮޑު ރިޒާވެއް އެބަހުރިކަމަށް ސަރވޭތަކުން ދައްކައެވެ. – ނޫސް އެޖެންސީތައް