ވިޔަފާރި ކުންފުނިތަކުންނާއި ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަކުންވެސް، ވިޔަފާރީގެ އިޖްތިމާޢީ މަސްއޫލިއްޔަތު އަދާކުރުން އިތުރަށް ވަރުގަދަކޮށް، ފުރިހަމަ ކުރުމަށް ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ގޮވާލައްވައިފި އެވެ.


ނައިބް ރައީސް މިކަމަށް ގޮވާލެއްވީ، ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުވައިދޭ އެންމެ ބޮޑު ކުންފުނި، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމް.ޑަބްލިޔޫ.އެސް.ސީގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، އެމް.ޑަބްލިޔޫ.އެސް.ސީ.އަކީ ދީނީ، އިންސާނީ، އަދި އަޚްލާޤީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އަދާ ކުރާ ކުންފުންޏެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ނައިބު ރައީސް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ބޯފެން އުފައްދާ އެންމެ ބޮޑު ކުންފުނީގެ ގޮތުން، މިފަދަ އިންސާނީ ޚިދުމަތެއް ފޯރުވައިދިނުމުގައި، ފައިދާ ހޯދުމުގެ އިތުރުން، ރައްޔިތުންގެ ހެވާ ލާބައަށް ރިޢާޔަތް ކުރުމަށް ނައިބް ރައީސް އެދިވަޑައިގެންނެވި އެވެ. ޚާއްޞަ ގޮތެއްގައި ޤައުމުގެ ނިކަމެތިންނާމެދު ވިސްނައި، ކުންފުނީގެ އިޖްތިމާޢީ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރާ ކަންތައްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ.


ނައިބު ރައީސްގެ ވާހަކަފުޅުގައި، ބޯފެނުގެ މުހިންމު ކަމާއި، ސާފު ބޯފެން ނުލިބުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ކުރިމަތިވަމުންދާ ޞިއްޙީ އަދި ސިޔާސީ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.


ނައިބު ރައީސްގެ ވާހަކަފުޅުގައި، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ސާފު ބޯފެން ލިބޭނެގޮތް އިންތިޒާމްވެގެންދިޔަކަން ފާހަގަކުރެއްވި އެވެ. އަދި އާބާދީގެ ބާކީ ބަޔަށް ސާފު ބޯފެނުގެ ޚިދުމަތް އަވަހަށް ލިބޭނެ ގޮތެއް ހެދުމަށްޓަކައި އެމް.ޑަބްލިޔޫ.އެސް.ސީ. ފަދަ ފެނުގެ ޚިދުމަތް ފޯރުވައިދޭ އިތުރު ކުންފުނިތައް އުފައްދާފައިވާ ކަމުގައި ނައިބް ރައީސް ވިދާޅުވި އެވެ. އަދި އެއިން އެއްވެސް ކުންފުންޏަކުންވެސް އެ ކުންފުންޏެއް އުފެދިފައިވާ ސަބަބާއި ކުންފުނީގެ އަޞްލު މަޤްޞަދު ހަނދާން ނައްތާނުލުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.


މި ޙަފްލާގައި ވޭތުވެދިޔަ އަހަރު އެކި ގޮތްގޮތުން ފާހަގަކުރެވުނު ޚިދްމަތްތެރި މުވައްޒަފުންނަށް އަހަރީ އެވޯޑް ދެއްވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. ދިގު މުއްދަތަކަށް ޚިދްމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑު ދެއްވީ ކުންފުނީގެ ޗެއަރޕާރސަން ނީޒާ ޢިމާދެވެ. އަދި ޚިދްމަތުގެ އަގު ވަޒަން ކުރެއްވުމުގެ ސެޓްފިކެޓްތައް ދެއްވީ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ މުޙަންމަދު އަޙްމަދު ދީދީ އެވެ.