14 Oct 2014, 16:09
ވޮޝިންޓަން (އޮކްޓޯބަރ 14) : އިރާގާއި ސޫރިޔާގައި އިސްލާމީ ޚިލާފަތުގެ ނަމުގައި ދައުލަތެއް އިއްލާންކޮށްފައިވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އާއި އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ އިއްތިޙާދުގެ ގައުމުތަކުގެ ސިފައިންގެ ވެރިންގެ ބައްދަލުވުމެއް އެމެރިކާގައި މިއަދު ފެށޭނެއެވެ.
ވައިޓް ހައުސް ބުނާ ގޮތުން މިބައްދަލުވުމުގެ ބޭނުމަކީ އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން އެކުލަވާލާފައިވާ އިއްތިޙާދުގެ ގައުމުތަކުން ހިންގާފައިވާ ވައިގެ ޙަމަލާތަކާއި ޖާސޫސުކުރުމާއި ލޮޖިސްޓިކް ހަރަކާތްތައްފަދަ ކަންތައްތަކާ ބެހޭ މަޢްލޫމާތު ބަދަލުކުރުމާއި މިއޮޕަރޭޝަންތަކުން އައިއެސްއަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމާއި ވަޒަން ކުރުމެވެ. މީގެ އިތުރުން ކުރިޔަށް އޮތްތަނުގައި އައިސްގެ ހަނގުރާމަވެރިންގެ ހަރަކާތްތައް ހުއްޓުވުމަށް މިހާރަށް ވުރެ ގާބިލްކަމާ އެކު ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން ވެސް މިގައުމުތަކުގެ ސިފައިންގެ ވެރިން މިބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމަށް އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ގެ ތަރްޖަމާން ކާނަލް އެޑް ތޯމަސް ވިދާޅުވި އެވެ.
މިބައްދަލުވުން ފެށޭނީ އެމެރިކާގެ ގަޑިން މިއަދު ހެނދުގެ ވަގުތެއްގައި އެމެރިކާ ސިފައިންގެ އެންޑްރޫޒް ވައިގެ ބޭހުގަ އެވެ. މިއީ ވޮޝިންޓަންގެ ރަށްބޭރުގައިވާ މަޝްހޫރު ވައިގެ ބޭހެކެވެ. އައިއެސް ނައްތާލުމުގެ ނަމުގައި އެމެރިކާ އާއި އެމެރިކާ އިސްވެ އޮވެގެން މިދިޔަ ސެޕްޓެމްބަރު މަހު އެކުލަވާލި އިއްތިޙާދުގެ ގައުމުތަކުގެ ވައިގެ ސިފައިން އިރާގާއި ސޫރިޔާގައިވާ އެޖަމާއަތުގެ އަމާޒުތަކަށް ޙަމަލާތައް ދެމުން ގެންދާތާ މިހާރުވަނީ މަސްދުވަސް ވެފަ އެވެ. ނަމަވެސް އައިއެސްގެ ކުރިއެރުން ހުއްޓުވުމުގައި މި ގައުމުތައް ވަނީ ނާކާމިޔާބު ވެފަ އެވެ.
އެމެރިކާގެ ކުރީގެ ދިފާއީ ވަޒީރެއް ކަމަށްވާ ލިޔޮން ޕެނެޓާ ވަނީ އައިއެސް ނައްތާލުމަށް 25 އަހަރުވަންދެން އެމެރިކާއާއި އެމެރިކާގެ ބައިވެރިން ހަނގުރާމަ ކުރަންޖެހިދާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އެމެރިކާ ސިފައިންގެ އެންޑްރޫޒް ވައިގެ ބޭހުގައި މިއަދު ފެށޭ މިބައްދަލުވުމުގައި އެމެރިކާ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީގެ އިތުރުން ސައޫދީ އަރަބިޔާ، ގަތަރު، އުރުދުން، ޔޫއޭއީ، ކުވައިތު، ތުރުކީ، ބަޙްރައިން އަދި އިރާގު މިގައުމުތަކުގެ ސިފައިންގެ ޗީފް އޮފް ސްޓާފުންގެ މަގާމުގައި ތިއްބަވާ އަސްކަރީ އިސް ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މި 10 ގައުމުގެ އަސްކަރީ ލީޑަރުންގެ މި ބައްދަލުވުމުގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. (ރޮއިޓާސް)